ދިވެހި ރައްޔިތުން ޙައްގުތައް ހޯދަން ހިޔާރުކުރާ މަގާމެދު ވިސްނާލަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ "ހޭވައްލާ" ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބައެއް ޙައްގުތަށް ހޯދުމަކީ މަދަނީ ތަހުޒީބީ މުޖުތަމައެއްގައި އޮންނަ ކަމެއް ކަމަށެވެ. ސިޔާސީ ޕާޓީތަކުން ޙައްގުތަށް ހޯދުމަށް މަގުފިކޮށްދޭ މަގުގެ ނަތީޖާއަކަށް ވެގެން ދަނީ ގިނަ ޒުވާނުން ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ތިބެންޖެހުން ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.
" ހައްގުތަށް ހޯދުމަށް ހިޔާރުކުރާ މަގަކީ، އަޅުގަނޑުމެން ވިސްނާލަން ޖެހޭ ކަމެއް، ޙައްގުތައް ހޯދަން ހިޔާލުކުރާ މަގުގެ ނަތީޖާއަކަށް ވެގެން މިދަނީ، އަޅުގަނޑުމެން މިއަދު މި ކައުންސިލަށް ކުރިމަތިލައްވާ ޒުވާނުން ފަދަ ޒުވާނުން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބަހައްޓަން ޖެހޭ ފަދަ އަމަލުތަކަށް ސިޔާސީ ލީޑަރުން ހިތްވަރު ދެއްވާކަމަށްވާނަމަ އެއީ އަޅުގަނޑުމެން ބޭނުންވާ ތަރައްގީއެއް ނޫން" ލޯކަލް ކައުންސުލް އިންތިޙާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޒުވާނުން ޖަލުގެ ތޭރިތަކުގެ ފުރަގުގައި ތިބޭކަން ނޫން ކަމަށާއި މިހާރު ޖަލުގައި ތިބި ޒުވާނުން ވެސް ނެރެވޭނެ ގޮތެއް ހަމަޖައްސައިދިނުން ކަމަށެވެ.
"އަޅުގަނޑާއި ހަމަޔަން މި ޒުވާން ޖީލު އައިރު އޮތީ، ތަންކޮޅެއް އާދައިގެ ބަހުން ބުނާނެނަމަ ވަނީ ވާނެ އެއްޗެއް ވެފައި" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވޭތެވެދިޔަ ދުވަސްތަކުގައި ދިވެހިރާއްޖެއިން ފެނިގެންދިޔައީ ވަރަށް ރަޙުމް ކުޑަ އަމަލުތަކެއް ކަމަށެވެ. އެހެންކަމުން ދިވެހި ރާއްޔިތުންނަން ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް ހުރިހާ ބައެއްގެ ޝިފާ އަކީ އަސުރުމާ ކުލަ (ޕީޕީއެމް) ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
"އަސުރުމާއި ކުލައި އަކީ ހުރިހާ ބައްޔަކަށް އޮތް ޝިފާއެއް ކަމަށް މިއަދު އަޅުގަމުނެނަން ގަބޫލްކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވިއިރު މި ސަރުކާރުގެ މައްޗަށް ކުރާ ވައްކަމާއި ކޮރަޕްޝަންގެ ތުހްމަތުތަކަށް ނިމުމެއް ނާދެ އެވެ. އެ މައްސަލަތައް ނުބަލާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.