ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 15:21
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ބަޔާ ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ
ރޮއިޓާސް
ބަޔާ ލެވަކޫސަން
ހިތްދަތި ބައްޔާއެކު ވެސް، އަލޮންސޯ ހުރީ ފަޚުރުވެރިކަމާއެކު!
 
ޚާއްސަ މެޗަކުން ބަލިވުމުން އިންތިހާ އަށް ހިތްދަތިވާ ކަމުގައި އޭނާ ބުނި

ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުން ހިތްދަތި ގޮތަކަށް ބަލިވި ނަމަވެސް، ބަޔާ ލެވަކޫސަންގެ ކުޅުންތެރިން މިހާތަނަށް ކުރި މަސައްކަތާމެދު ފަޚުރުވެރިވާ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޒަބީ އަލޮންސޯ ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ލެވަކޫސަން ބަލިވީ އެޓަލަންޓާ އަތުންނެވެ. މިއީ މި ސީޒަންގައި އެ ޓީމުގެ ފުރަތަމަ ބައްޔެވެ. ސީޒަންގައި ކުޅުނު 52 ވަނަ މެޗުން ލެވަކޫސަން ބަލިވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މެއި މެހުގެ 27 ވަނަ ދުވަހުގެ ފަހުން އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ޔޫރޮޕާ ލޯގު ގެއްލުމުން، ސީޒަންގައި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް އެ ޓީމަށް ގެއްލުނީ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އަލޮންސޯ ބުނީ، ފައިނަލްގައި ލެވަކޫސަނަށް ވުރެ ރަނގަޅަށް ކުޅުނީ އެޓަލަންޓާ ކަމަށާއި، އެ ޓީމަށް މުބާރާތުގެ ތަށި ހައްގު ކަމަށެވެ. އަލޮންސޯ ބުނީ މިއީ ލެވަކޫސަންގެ ދުވަހެއް ނޫން ކަމަށާއި، ލެވަކޫސަނަށް މިއީ ގޯސް ދުވަހެއް ކަމަށެވެ. އެހެން ނަމަވެސް ޚާއްސަ މެޗަކުން ބަލިވުމުން އިންތިހާ އަށް ހިތްދަތިވާ ކަމުގައި އޭނާ ބުންޏެވެ.

މީގެ އިތުރުން އަލޮންސޯ ބުނީ، ފުރަތަމަ ބަލި 52 ވަނަ މެޗުން ތަހަންމަލު ކުރަން ޖެހުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ޚާއްސަކޮށް ސީޒަންގެ މުހިންމު ހިސާބަކަށް އައިސް، ތާރީޚީ ކާމިޔާބެއް ހޯދުމަށް ލިބުނު ފުރުސަތެއް އަތުން ގެއްލުމަކީ ކޮންމެ މީހަކު ވެސް ދެރަވާނެ ކަމެއް ކަމަށް އަލޮންސޯ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ، ބައްޔާއެކު ވެސް، ލެވަކޫސަނަށް ހޯދުނު ކާމިޔާބީތަކަށް ފަޚުރުވެރިވާ ކަމަށެވެ. އެހެން ނަމަވެސް ހިތްދަތިވާކަން ފާހަގަކޮށް އަލޮންސޯ ބުނީ، ލެވަކޫސަންގެ ކޮންމެ ކުޅުންތެރިޔަކާމެދު ވެސް އޭނާ ފަޚުރުވެރިވާ ކަމަށެވެ. އެހެންކަމުން އެއްވެސް ހިތް ނުތަނަވަސްކަމެއް ނެތް ކަމަށާއި، ހަމަޖެހިލައިގެން ދެން އޮތް މެޗަށް ނިކުންނަން ބޭނުންވާ ކަމުގައި އޭނާ ބުންޏެވެ.

ލެވަކޫސަނަށް ދެން އޮންނާނީ ހޮނިހިރު ދުވަހު ކުޅޭ ޖަރުމަނު ކަަޕްގެ ފައިނަލް އެވެ. އެ ޓީމުން ވަނީ މި ސީޒަންގެ ޖަރުމަނު ލީގު ކާމިޔާބު ކޮށްފަ އެވެ. ސީޒަންގައި ދެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ލެވަކޫސަނަށް އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް