ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން އެޓަލަންޓާ އަށް ލިބުމުން، ޚާއްސަ އުފަލެއް ލިބިއްޖެ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ޖިއާން ޕިއެރޯ ގަސްޕެރިނީ ބުނެފި އެވެ.
އެޓަލަންޓާ އިން ވަނީ ބުދަ ދުވަހުގެ ރޭ ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލްގައި ބަޔާ ލެވަކޫސަން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ 61 އަހަރުގެ ތެރޭގައި އެޓަލަންޓާ އަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. އަނެއްކޮޅުން މިއީ އެ ޓީމުން ޔޫރޮޕާ ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.
އެ މެޗަށްފަހު ވާހަކަ ދައްކަމުން ގަސްޕެރިނީ ބުނީ، މިއީ އެޓަލަންޓާ އިން މޮޅުވުމުގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށާއި، މިއީ އެ މީހުން މޮޅުވީ ކިހިނެއްތޯ އަހަންވީ ވަގުތު ކަމަށެވެ. އޭނާ ބުނީ ޔޫރޮޕާ ލީގުގައި އެޓަލަންޓާ އިން ލިވަޕޫލް ބަލިކުރި ކަމަށާއި، އޭރު ލިވަޕޫލް އޮތީ ވެސް ލީގު ތާވަލްގެ އެއް ވަނައިގައި ކަމަށެވެ.
ހަމައެހެންމެ، އެޓަލަންޓާ އިން ސްޕޯޓިން ވެސް ބަލިކުރި ކަމަށާއި، ތަށި އުފުލާލީ ލެވަކޫސަން ބަލިކޮށްފައިކަން އޭނާ ފާހަގަ ކުރި އެވެ. ގަސްޕެރިނީ ބުނީ، ހުރިހާ ގޮތަކުން ވެސް ފޭވަރިޓަކީ ލެވަކޫސަން ކަމަަށާއި، އެއީ އެ ޓީމުން ދައްކަމުން އައި ކުޅުމާއި، ނެރެމުން އައި ނަތީޖާގެ ސަބަބުން ކަމަށް ވެސް އޭނާ ބުންޏެވެ.
އެހެން ނަމަވެސް، ލެވަކޫސަނާ ދެކޮޅަށް އެޓަލަންޓާގެ ހުރިހާ ކުޅުންތެރިން ވެސް ދެއްކީ ވަރަށް ހިތްހަމަ ޖެހޭ ކުޅުމެއް ކަމަށް ގަސްޕެރިނީ ބުންޏެވެ. އޭނާ ބުނީ މިއީ ވަރަށް އުފާވެރި އަދި ފަޚުރުވެރި ވަގުތެއްް ކަމަށާއި، އެޓަލަންޓާ އަށް ލިބުނީ ކުރި މަސައްކަތާ ބަލާއިރު، ޙައްގު ކާމިޔާބެއް ކަމަށެވެ.
އުމުރުން 66 އަހަރުގެ ގަސްޕެރިނީ އެޓަލަންޓާގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެޓަލަންޓާ އިން ވަނީ މިހާތަނަށް 384 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 200 މެޗުންނެވެ. 94 މެޗުން ބަލިވެފައިވާއިރު، 90 މެޗުން ވަނީ އެއްވަރުވެފަ އެވެ. ޔޫރޮޕާ ލީގަކީ އޭނާގެ އިރުޝާދުގެ ދަށުން އެޓަލަންޓާ އިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.