ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ އެއްވަރުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ބާސެލޯނާ އާއި އެޓަލަންޓާ ބައްދަލު ކުރި މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބާސެލޯނާ އިން ވަނީ ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ހޯދައިފަ އެވެ. ނަމަވެސް ދެ ފަހަރު ވެސް އެޓަލަންޓާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެޓަލަންޓާ އިން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އޭނާ އެ ލަނޑު ޖެހީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި އެޑާސަން ވަނީ ލަނޑު ޖަހައި އެޓަލަންޓާ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަސް މިނެޓު ފަހުން، ދެ ވަނަ ފަހަރަށް މެޗުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ރޮނާލްޑް އަރައުހޯ އެވެ. އެ ލަނޑު ޖަހަން އަރައުހޯ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރަފީނިއާ އެވެ. ބާސެލޯނާ އިން ލީޑު ނެގިތާ ހަތް މިނެޓު ފަހުން، މާރިއޯ ޕަސަލިޗް ވަނީ ލަނޑު ޖަހައި އެޓަލަންޓާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
މެޗު އެއްވަރުވެ ބާސެލޯނާ ދެ ވަނައިގައި އޮތީ އެ ޓީމު ކުޅުނު އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުން ބާސެލޯނާ އަށް ޖާގަ ޔަގީންވެފައިވާއިރު، އެ ބުރުގައި ބާސެލޯނާ ކުޅެން ޖެހޭނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، މޮނާކޯ، ބެންފީކާ ނުވަތަ ބްރެސްޓާ އެވެ.