އިޓާލިއަން ކަޕްގެ ކުއާޓާ ފައިނަލްގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބޮލޮގްނާ އިން މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފި އެވެ.
އަންގާރަ ދުވަހުގެ ރޭ އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗު ބޮލޮގްނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ވެސް މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ.
މެޗުގައި އެޓަލަންޓާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އެގޮތުން މެޗުގެ ހަތް ވަނަ މިނެޓުގައި އެޓަލަންޓާގެ ޗާލްސް ޑީ ކެޓަލައެރާ ފޮނުވާލި ބޯޅަ ބޮލޮގްނާގެ ގޯލު ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން އެޓަލަންޓާގެ އިސާކް ހިއެން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އެޓަލަންޓާގެ ހުއާން ކުއަޑްރާޑޯ ފޮނުވާލި ބޯޅަ ބޮލޮގްނާގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ބޮލޮގްނާގެ އޭރިޔާ ތެރެއިން އެޓަލަންޓާގެ ޑެނިއެލް މަލްޑިނީ ފޮނުވާލި ނުރައްކާތެރި ބޯޅަ ވެސް ބޮލޮގްނާގެ ކީޕަރު މަތަކުރި އެވެ. މެޗުގައި ބޮލޮގްނާ އިން ލަނޑު ޖެހީ މެޗުގެ 80 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ސަންތިއާގޯ ކާސްޓްރޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް އިން އެޓަލަންޓާ ކަޓާފައިވާއިރު، މިދިޔަ އަހަރުގެ އިޓާލިއަން ކަޕްގެ ފައިނަލްގައި އެ ޓީމު ވަނީ ވާދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި އެޓަލަންޓާ ވަނީ ޔުވެންޓަސްއާ ވާދަކޮށް ބަލިވެފަ އެވެ.