ކ. މާލެ
|
10 ޖުލައި 2024 | ބުދަ 08:07
އިންޓަ މިލާން އަށް އިރުޝާދު ދެމުން އަންނަ ސިމޮން އިންޒާގީ
އިންޓަ މިލާން އަށް އިރުޝާދު ދެމުން އަންނަ ސިމޮން އިންޒާގީ
ރޮއިޓާސް
އިންޓަ މިލާން
އިންޓަގެ އައު ހުށަހެޅުން އިންޒާގީ ޤަބޫލު ކޮށްފި
އިންޓަ އިން އިންޒާގީ އަށް ހުށަހަޅާފައިވާ އެއްބަސްވުމުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ.

އިންޓަ މިލާނަށް އިރުޝާދު ދެމުން އަންނަ އިޓަލީގެ ސިމޮން އިންޒާގީ އަށް އެ ކުލަބުން ހުށަހަޅާފައިވާ އައު އެއްބަސްވުން އޭނާ ޤަބޫލު ކޮށްފައިވާ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފި އެވެ.

އުމުރުން 48 އަހަރުގެ އިންޒާގީ އިންޓަ މިލާނާ ހަވާލުވީ 2021 ވަނަ އަހަރު އެވެ. ލާޒިއޯގައި ހުރުމަށްފަހު އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ އަނެއްކާ ވެސް ދެ އަހަރަށް އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އިންޓަ އިން ވަނީ އޭގެ ކުރިން އިންޒާގީ އެއްބަސްވުން އައު ކުރަން ނިންމައި، އޭނާ އާއެކު މަޝްވަރާތައް ވެސް ފަށައިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިންޓަ އިން އިންޒާގީ އަށް ހުށަހަޅާފައި ވަނީ އިތުރު އެއް އަހަރު ދުވަހަށް އޭނާގެ އެއްބަސްވުން އައު ކުރުމަށެވެ. އެހެންކަމުން އިންޓަ އިން އިންޒާގީ އަށް ހުށަހަޅާފައިވާ އެއްބަސްވުމުގައިވާ ގޮތުން، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. އިންޒާގީގެ އިރުޝާދުގެ ދަށުން ނިމުނު ސީޒަންގެ އިޓާލިއަން ލީގު އިންޓަ އިން ކާމިޔާބު ކޮށްފައިވާތީ، އޭނާ އަށް ބޯނަސް ދޭން ވެސް އެ ކުލަބުން ވަނީ ހުށަޙަޅައިފަ އެވެ. އަދި އިންޓަގެ ހުށަހެޅުން އިންޒާގީ ޤަބޫލު ކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އައު އެއްބަސްވުމުގައި ސޮއި ކުރާނެ ކަމަށް ވެސް އިޓަލީގެ މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ އިން ވަނީ 158 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 104 މެޗުން މޮޅުވެފަ އެވެ. 28 މެޗުން ބަލިވެފައިވާއިރު، 26 މެޗު ވަނީ އެއްވަރުވެފަ އެވެ. އޭނާ ހަވާލުވީ ފަހުން އިންޓަ އިން ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެއީ އިޓާލިއަން ލީގު އެއް ފަހަރު، އިޓާލިއަން ކަޕް ތިން ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު އެވެ. އިންޒާގީގެ އިރުޝާދުގެ ދަށުން އިންޓަ އިން ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް