ކ. މާލެ
|
20 ޖެނުއަރީ 2025 | ހޯމަ 09:40
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އިންޓަރ މިލާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
އިޓާލިއަން ލީގު
އެމްޕޮލީ ބަލިކޮށް، އިންޓަރ މިލާން ދެ ވަނައިގައި
މޮޅާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅެފައިވާ 20 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ.

އިޓާލިއަން ލީގުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާނުން ލީގު ތާވަލްގެ ދެ ވަނައިގައި އޮތްއިރު، ލީގު ރޭޙުގެ ވާދަވެރިކަން ވެސް ބޮޑުވެއްޖެ އެވެ.

އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދިހަ ވަނަ މިނެޓުގައި އިންޓަރ މިލާނަށް ކުރި ހޯދައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ ނިކޮލާ ބަރެއްލާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 79 ވަނަ މިނެޓުގައި ޑަންޒެލް ޑަމްފްރީސް ވަނީ އިންޓަރ މިލާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގައި އެމްޕޮލީގެ ހަަމައެކަނި ލަނޑު، 83 ވަނަ މިނެޓުގައި ޖެހީ ސަބެސްޓިއާނޯ އެސްޕޮސިޓޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، މެޗުގައި އިންޓަރ މިލާންގެ ތިން ވަނަ ލަނޑު ޖެހީ މާކުސް ތުރަމް އެވެ.

މޮޅާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅެފައިވާ 20 މެޗުން 47 ޕޮއިންޓު ހޯދައިގެންނެވެ. އިންޓަރ މިލާނަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ވަނައިގައި ނަޕޯލީ އަށް ލިބެނީ 50 ޕޮއިންޓެވެ. އެހެންކަމުން މެޗުގެ އަދަދު ހަމަކުރާއިރު، ނަޕޯލީއާ ހަމަ ކުރުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮންނާނެ އެވެ.

- ކޮމެންޓް