އިޓާލިއަން ލީގުގައި ބޮލޮގްނާއާ ދެކޮޅަށް ކުޅުނު މެޗުން އިންޓަރ މިލާން އެއްވަރުވެއްޖެ އެވެ.
އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި ބޮލޮގްނާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އިންޓަރ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަަހައިގެން ކުރި ހޯދައިފަ އެވެ. ނަމަވެސް މެޗުގެ ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން ބޮލޮގްނާ އިން ވަނީ އިންޓަރއާ އެއްވަރު ކޮށްފަ އެވެ.
މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބޮލޮގްނާ އަށް ކުރި ހޯދައިދިނީ ސަންތިއާގޯ ކާސްޓްރޯ އެވެ. އެއީ ނިކޮލާ މޮރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ހަތަރު މިނެޓު ފަހުން އިންޓަރ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޑަންޒެލް ޑަމްފްރީސް އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އިންޓަރ އަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް އެވެ. އެއީ ފެޑެރިކޯ ޑިމާކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޓިޏޭޒް ޖެހި ލަނޑެކެވެ. މެޗުގެ ދެ ވަނަ ހާފުގައި ބޮލޮގްނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމިލް ހޮލްމް އެވެ.
މި ނަތީޖާ އާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 44 ޕޮއިންޓު ހޯދައިގެންނެވެ. އިންޓަރ މިލާން އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެއް ވަނައިގައި ނަޕޯލީ އަށް ލިބެނީ 47 ޕޮއިންޓެވެ. ބޮލޮގްނާ އަތުން މޮޅުވެ، ނަޕޯލީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރުމުގެ ފުރުސަތު އިންޓަރ މިލާން އަށް އޮތެވެ. އަދި ވެސް މެޗުގެ އަދަދު ހަމަކޮށް ލީގު ތާވަލްގައި ކުރި ހޯދުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮންނާނެ އެވެ.