އިޓާލިއަން ސުޕަރ ކަޕްގެ ފައިނަލްގައި އިންޓަރ މިލާން ބަލިކޮށް، އޭސީ މިލާނުން މުބާރާތް ކާމިޔާބު ކޮށްފި އެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު އޭސީ މިލާނުން ކާމިޔާބު ކުރީ 3-2 އިންނެވެ. އެއީ މެޗުގައި އިންޓަރ އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އިންޓަރ އަށް ލީޑު ނަގައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އިންޓަރ އިން ލީޑު ފުޅާ ކުރީ މާކަސް ތުރަމް ޖެހި ލަނޑުންނެވެ. މެޗުގެ 52 ވަނަ މިނެޓުގައި އޭސީ މިލާންގެ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްދިނީ ތިއޯ ހެނާންޑޭޒް އެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ކްރިސްޓިއަލް ޕުލިސިޗް ޖެހި ލަނޑާ އެކު، އޭސީ މިލާނުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުން އޭސީ މިލާން މޮޅުވީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޓޮމީ އަބްރަހަމް ޖެހި ލަނޑުންނެވެ.
މިއީ އަށް އަހަރު ދުވަހަށްފަހު އޭސީ މިލާނުން އިޓާލިއަން ސުޕަރ ކަޕް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. މިއަހަރުގެ ކުރިން، އެންމެ ފަހުން އޭސީ މިލާނުން އިޓާލިއަން ސުޕަ ކަޕް ކާމިޔާބު ކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް، އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޔުވެންޓަސްއާ އަރާ ހަމަކުރުމުގެ ފުރުސަތު އިންޓަރ މިލާނަށް އޮތެވެ.