އިނގިރޭސިވިލާތް (ޔޫކޭ) ގެ ބޮޑެތި މީހުންގެ އުމުރުފުރާގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.
ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އެ ޤައުމުގެ އާބާދީގައި ހިމެނޭ ބޮޑެތި މީހުންގެ އުމުރުފުރާގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވެކްސިން ޖަހާފައިވާއިރު، ހުކުުރު ދުވަހަކީ އެ ޤައުމުން ރެކޯޑު އަދަދަކަށް ކޮވިޑް ވެކްސިން ޖަހާފައިވާ ދުވަހެކެވެ. އަދި އެ ޤައުމުގެ 65 އަހަރުން މަތީގެ އާބާދީގެވެސް 95 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެކަން ފާހަގަ ކުރައްވައި އެ ޤައުމުގެ ރައީސް ބޯރިސް ޖޯންސަން ވަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސައިންސްގެ އޮފިޝަލުންނަށް ޝުކުރު އަދާ ކުރައްވައި، މިއީ ލިބިވަޑައިގަތް ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.
ޔޫކޭގެ ހެލްތް ސަރވިސަސް އިން ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން މިހިނގާ މާރޗް މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 25 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ދީފައެވެ. އެގޮތުން އިނގިރޭސިވިލާތުން ދީފައިވަނީ ފައިޒަރ ވެކްސިނާއި އެސްޓްރަޒެނެކާ ވެކްސިނެވެ.
ޔޫކޭއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 5587 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މިއީ އޭގެ ކުރީ ދުވަހާ އަޅާބަލާއިރު، 785 ކޭސްގެ އިތުރުވުމެއް ކަމަށް ބީބީސީގައި ރިޕޯޓް ކޮށްފައިވެއެވެ. ނަމަވެސް އެވްރެޖްކޮށް އެ ޤައުމުގެ ކޮވިޑް ކޭސްތަކުގެ އަދަދު ދަށްވަމުންދާތާ ހަފްތާއެއް ވެފައިވާކަމަަށްވެސް ރިޕޯޓުތައް ބުނެއެވެ.
އިނގިރޭސިވިލާތުން ދާދި ފަހުން ވަނީ ކޮވިޑުގެ އައު ވޭރިއަންޓުވެސް ފެނިފައެވެ. އެއާއެކު މިހާތަނަށް އެ ޤައުމުން 4 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 126،000ށް ވުރެ ގިނަ މީހުން މި ވައިރަސް ޖެހިގެން މަރުވެފައިވެއެވެ.