ކޮވިޑް 19 ގެ އޮރިޖިނަލް ވައިރަސް އަދި އަލަށް ފެނުނު އޮމިކްރޯން ވޭރިއަންޓް، މިދެ ވައިރަސް އަށް އެއްކޮށް ދެވޭ "ޑުއަލް" ނުވަތަ ދެބައި އެކުލެވޭ ވެކްސީން އެއް ބޭނުންކުރުމުގެ ހުއްދަ އިނގިރޭސި ވިލާތުގައި ދީފިއެވެ. އެގައުމުގެ ކަމާ ބެހޭ މިނިސްޓަރުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މޮޑާނާ އިން އުފައްދާފައިވާ މި އައު ވެކްސިން ދޭން ފަށާނީ އޯޓަމް މޫސުމުގައި ފަށާ ބޫސްޓަރ ވެކްސިން ކެމްޕެއިންގެ ތެރެއިންނެވެ.
މޮޑާނާ އިން މައުލޫމާތު ދީފައިވާ ގޮތުގައި އައު ވެކްސިންގެ 13 މިލިއަން ޑޯޒް މިއަހަރުގެ ތެރޭ ފޯރުކޮށް ދެވޭނެއެވެ. ނަމަވެސް އިގިރޭސި ވިލާތު ގައި ބޫސްޓަރ ޑޯޒް ޖެހުމަށް އެދޭ 26 މިލިއަން މީހުން އެބަތިބި ކަމަށް ވެއެވެ.
ހެލްތު އޮފިޝަލުން ވިދާޅުވާ ގޮތުގައި ބޫސްޓަރ ޑޯޒް ޖަހާއިރު ވަކި ވައްތަރެއްގެ ވެކްސިން ޖެހުން މުހިންމެއް ނޫނެވެ. އެހެނީ ހުރިހާ ވެކްސިން އަކީވެސް ހިމާޔަތާ ރައްކާތެރިކަން ދޭނެ ވެކްސިން އަށް ވާތީ އެވެ.
ކޮވިޑް 19 އަށް ފުރަތަމަ ދެވުނު ވެކްސިންތަކަކީ 2019 ވަނަ އަހަރު ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނުނު ވައިރަސް ބަލިކޮށްލުމަށް ހަދާފައިވާ ވެކްސިން ތަކެވެ. އޭގެ ފަހުން ކޮވިޑް ވައިރަސް އަށް ބަދަލުތަކެއް އައިސް ތަފާތު ވޭރިއަންޓްގެ ގޮތުގައި ފެންނަން ފެށުމާއި އެކު ބަލިފެތުރޭ މިންވަރު އަނެއްކާވެސް އިތުރު ވެގެން ގޮސްފައިވެއެވެ. ފުރަތަމަ ދެވުނު ވެކްސިން އިން ވެސް ބަލިޖެހުމުން މީހާއަށް ބޮޑުވަރު ވެގެން ދިޔަ ނުދީ ދިފާއު ކޮށްދެއެވެ. ނަމަވެސް ވައިރަސް އަށް ބަދަލުތަކެއް އަންނަމުން ދާވަރަކަށް ދެވޭ ވެކްސިން އަށް ބަދަލުތަކެއް ގެންނަން ޖެހޭނެ ކަމަށް ވެކްސިން ހަދާ ކުންފުނިތަކުން ބުނެއެވެ.
އިނގިރޭސި ވިލާތުގައި ކޮވިޑް 19 އަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މަދުވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ. މިގޮތުން ޖުލައި މަހުގެ މެދަކާ ހަމައިން އެމަހުގެ ނިޔަލަށް ޕޮޒިޓިވް ވެފައި ވަނީ 2.5 މިލިއަން މީހުންނެވެ.