ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 23:04
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން، މިހާރުގެ ރައީސް ޑރ މުޢިއްޒު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރާއްޖެއެމްވީ
ރައީސް ޔާމީން
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ޔާމީން ވިދާޅުވީ، އެމީހުންގެ އަސްލު މުސާރަ އަކީ މަގާމުން ލިބޭ މުސާރަ ނޫން ކަމުގައި
މާގިނަ ފައިސާ މަގާމާ ގުޅިގެން ނާޖާއިޒް މަންފާގެ ގޮތުގައި ލިބޭކަން ރައީސް ޔާމީން ފާހަގަ ކުރެއްވި
ޑރ. މުއިއްޒު އާއި އަބްދުއްރަހީމް އަކީ މަޖިލީސް މެމްބަރުންނަށް ކޮންމެ މަހަކު އެތައްހާސް ރުފިޔާ ދެއްވާ ދެ ބޭފުޅުން ކަމަށް ޔާމީން ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މުސާރައިން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ މުސާރައިގެ ދެބައިކުޅަ އެއްބައިން ކަނޑާލަން ނިންމެވި ވާހަކަ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެ ދެބޭފުޅުންނަކީ މުސާރައިގެ ބޭރުން "ހަރާމް ފައިސާ" ހޯއްދަވާ ބޭފުޅުން ކަމަށް، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

"ދެން ދިވެހި ރައްޔިތުން އަޑުއައްސަވާ، ރައީސް މުއިއްޒަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޭނާގެ ޖީބުން ކޮންމެ މަހަކު ފަންސާސް ހާސް ރުފިޔާ ދެއްވާ ބޭފުޅެއް، އެބޭފުޅާގެ މުސާރައިން ދެބައިކުޅަ އެއްބައި ކަނޑާލުމަކީ އެބޭފުޅާ އަށް ތަކުލީފަކަށް ވާނެތޯ؟" ރައީސް ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ މުސާރައިން އުނިވާ ބައި ސަދަގާތުގެ ގޮތުގައި ހަދިޔާ ކުރައްވާ ވާހަކަ އަށްވެސް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ދެން އެ ވިދާޅުވަނީ މި ފައިސާ ސަދަގާތް ކުރާނީ މިވެނި ތާކަށޭ، ނާޖާއިޒް ފައިސާ، ހަރާމް ފައިސާ ކުޑަކުދިންގެ ހިޔާ އަށް ހަދިޔާ ކުރައްވައިގެން ކުޑަކުދިންނަށް އެ ދޭން އުޅޭކަށް ނުވާނެ،" ޔާމީން ވިދާޅުވިއެވެ.

ޑރ. މުއިއްޒު އާއި އަބްދުއްރަހީމް ކުރިން އެންމެ ބޮޑަށް ތައުރީފު ކުރެއްވި ކުރީގެ ރައީސް އަދި ޕީއެންއެފް ގެ ލީޑަރު ޔާމީން ވިދާޅުވީ، ކަނޑައެޅިގެން ހަދިޔާ ކުރައްވަން ނިންމެވީ ހަލާލު ފައިސާ ނޫންކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި، "މިއީ ދީނީ އިލްމީ މީހުންނަށްވެސް ކުރާ ފުރައްސާރައެއް" ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ، މަޖިލިސް ރައީސް އަބްދުއްރަހީމް އަކީވެސް މުއިއްޒު އަށް ދޫކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެހެން ނަމަވެސް "ފައިސާގެ ކަންތަކުގައި ކުޑަކޮށް ދަތިކޮށް އުޅުއްވާތީ" އޭނާ ދެއްވާ މެމްބަރުންނަށް ދެއްވަނީ މަހަކު ވިހި ހާހާއި ފަންސަވީސް ހާހާ ދެމެދުގެ އަދަދެއް ކަމުގައެވެ.

"އެހެން ވީމާ އޭނާގެ މުސާރައިން ފަންސާސް ހާސް ކަނޑާލީމާ އޭނާ އަށް ދަތިވާނެތޯ؟" ރައީސް ޔާމީން އެއްސެވިއެވެ.

ރައީސް މުއިއްޒު އާއި މަޖިލީސް ރައީސް އަބްދުއްރަހީމްގެ މުސާރައިން ފަންސާސް ޕަސެންޓު ކަނޑާލުމުގެ ވާހަކަ އަކީ ކޮން ވާހަކައެއްތޯ ވަނީ ރައީސް ޔާމީން އައްސަވާފައެވެ.

"އެއަށްވުރެ މާ ގިނަ ލާރި އެމީހުން މޭޒު ކައިރީ ތަށި ބަހައްޓައިދޭތީ އެބަ ހޯދާ،" ކަން ޔާމީން ފާހަގަ ކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، އެބޭފުޅުންގެ އަސްލު މުސާރަ އަކީ މަގާމުން ލިބޭ މުސާރަ ނޫން ކަމުގައެވެ. އޭގެ ބަދަލުގައި އެބޭފުޅުންނަށް މާގިނަ ފައިސާ މަގާމާ ގުޅިގެން ނާޖާއިޒް މަންފާގެ ގޮތުގައި ލިބޭކަން ރައީސް ޔާމީން ފާހަގަ ކުރައްވަމުން ވިދާޅުވީ އެއީ "ހަރާމް ފައިސާ" ކަމުގައެވެ.                                       


Advertisement
- ކޮމެންޓް