ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 14:16
ޑޮލަރުގެ މުއާމަލާތް ކުރާތަން ފެންނަ ފޮޓޯ އެއް
ޑޮލަރުގެ މުއާމަލާތް ކުރާތަން ފެންނަ ފޮޓޯ އެއް
ރާއްޖެއެމްވީ ގްރެފިކްސް
މަގޭ ރިޕޯޓު
ތިރި ވާނެ ކަމަށް ބުނި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް މައްޗަށް!
މީގެ ކުރިން ޑޮލަރުގެ މައްސަލަ ޙައްލުވާނެ ކަމަށް ރައީސް އަދި ވަޒީރު ވެސް ވިދާޅުވެފައިވާއިރު، މިއަދު ޑޮލަރުގެ މައްސަލަ އޮތީ އިހުނަށް ވުރެ ބޮޑުކޮށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ހިފަހައްޓަވާނެ ކަމުގެ ވައުދާ އެކު އެވެ. ހަމައެކަނި އެ ވައުދެއް ވެސް ނޫނެވެ. ޑޮލަރާ ގުޅިގެން އެތައް ވައުދުތަކެއް ވެވަޑަައިގެންނެވި އެވެ. އެގޮތުން ދިވެހި ރުފިޔާ ކާޑުން ޑޮލަރުގެ މުއާމަލާތް ކުރެވޭ ލިމިޓު ބޮޑު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެވަރުން ވެސް ފުއްދާލީއެއް ނޫނެވެ. އެ ލިމިޓު ކުޑަ ކުރަމުން ކުރަމުން ގޮސް، އެއްކޮށް އުވާލައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ވެރިކަމަށް އެއް އަހަރުވާން ކައިރިވެފައިވާއިރު މިއަދު ފެންނަމުން ދަނީ މުޅިން އެހެން މަންޒަރެކެވެ. ޑޮލަރުގެ އަގު މައްޗަށް ދިޔަ ނުދީ ނުހިފެހެއްޓުނު ތަނުގައި، ދިވެހި ރުފިޔާ އިން ޑޮލަރުގެ މުއާމަލާތް ކުރެވޭ ލިމިޓަށް ވެސް ބަދަލެއް ނުގެނެވުނެވެ. މިކަމާ ގުޅިގެން ސަރުކާރުން އެތައް ބަހަނާއެއް ދައްކަމުންދާއިރު، ކަޅު ބާޒާރުގައި ޑޮލަރު ލިބޭ އަގު 19.05 އަށް ވެސް އަރައިފި އެވެ. މިއީ މި ފަހުގެ ތާރީޚެއްގައި ޑޮލަރުގެ އަގު އެންމެ މައްޗަށްް ދިޔަ ފަހަރު ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ޑޮލަރުގެ މައްސަލައިގައި މިއަހަރުގެ ފެބްރުވަނީ މަހުގެ 13 ވަނަ ދުވަހު އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ޑޮލަރާއި، ވިޔަފާރި އަދި ކޮންސިއުމާ ކޮންފިޑެންސް އަކީ އެކަތި އެނެކެއްޗާ ގުޅިފައި ހުރި ކަންކަން ކަމަށެވެ. އަދި ދިމާވެގެން އުޅޭ މައްސަލަ އަކީ ޑޮލަރުގެ ކަޅު ބާޒާރު އޮވެފައި، ކަޅު ބާޒާރަށް "ޑެލިބަރޭޓްލީ" ނުވަތަ ގަސްދުގައި ވިޔަފާރިތަކެއް ޓައިވަމުންދާ މައްސަލަ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އެކަންކަން އޯވާކަމް ކުރުމަށްފަހު، ކުރިއަށް އޮތް ދެ ތިން، ހަތަރު މަސް ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލަ ހަމައަކަށް އެޅިގެންދާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

އޭގެ ފަހުން މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ރައީސް މުޢިއްޒު ވެސް ވަނީ ޑޮލަރުގެ މައްސަލަ އަށް އަލި އަޅުވާލައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން މަޖިލިސް އިންތިޚާބުގެ ހަތަރު ދުވަސް ކުރިން، އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ރައީސް މުޢިއްޒު ވިދާޅުވީ މިހާރު ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށެވެ. މައްޗަށް ނާރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ، ޑޮލަރުގެ އަގު ކުރިއަށް ވުރެ ދަށަށް ދާ ކަމަށެވެ. އަދި ފައިސާގެ އަގު މައްޗަށް ދާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވެފައިވެ އެވެ.

ސަރުކާރަށް އަހަރެއް ވެގެންދާއިރު ވެސް ޑޮލަރުގެ މައްސަލަ ޙައްލެއް ހޯދޭނެ ގޮތެއް ނުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު އާއި އިޤްތިޞާދީ ވަޒީރު ސައީދު ދައްކަވަމުން އަންނަ ވާހަކަތަކުގެ ދެކޮޅު ނުޖެހި، ރައްޔިތުންގެ ކުރިމަތީގައި ފަޟީޙަތް ވަނީ އެވެ. މީގެ ކުރިން ޑޮލަރުގެ މައްސަލަ ޙައްލުވާނެ ކަމަށް ރައީސް އަދި ވަޒީރު ވެސް ވިދާޅުވެފައިވާއިރު، މިއަދު ޑޮލަރުގެ މައްސަލަ އޮތީ އިހުނަށް ވުރެ ބޮޑުކޮށެވެ. އެހެނީ މިއަދު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު 19 ރުފިޔާ އަށް ވުރެ މައްޗަށް ދިޔުމެވެ.

- ކޮމެންޓް