ކ. މާލެ
|
29 ޑިސެންބަރ 2023 | ހުކުރު 22:30
މަޖިލިސް މެންބަރުން
މަޖިލިސް މެންބަރުން
ވަޒީރުންނަށް ރުހުން ދިނުން
ވަޒީރުންނަށް ރުހުން ދިނުމުގެ ކޮމެޓީގެ މެޖޯރިޓީ އެމްޑީޕީއަށް ނުގެއްލޭ
އެ ކޮމެޓީ އެޖެންޑާކޮށްފައިވަނީ ވެސް އެމްޑީޕީގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމުގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު

އެމްޑީޕީން 13 މެންބަރަކު ވަކިވެ، ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގެންނެވި ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ކޮމެޓީ އިން އެމްޑީޕީގެ މެޖޯރިޓީ ނުގެއްލޭކަން ހާމަވެއްޖެއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ކޮމެޓީގެ ޖަލްސާއެއް ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެ ކޮމެޓީގެ ނޯޓިސް މެންބަރުންނަށް ފޮނުވީ ބުރާސްފަތި ދުވަހުއެވެ. ޖުމްލަ 12 މެންބަރުން ހިމެނިވަޑައިގަންނަވާ އެ ކޮމެޓީގައި އޭރު އެމްޑީޕީގެ 7 މެންބަރުން ތިއްބެވިއެވެ.

އެހެން ނަމަވެސް ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުންނާއެކު، އެ އަދަދު ވަނީ ހަޔަކަށް ދަށްވެފައެވެ. އެގޮތުން ކޮމެޓީގެ އޮނިގަނޑު ބެހިފައިއޮތް ގޮތުން، މިހާރު އެމްޑީޕީގެ ހަ މެންބަރަކު ކޮމެޓީގައި ތިއްބަވާއިރު، އެހެން ޕާޓީތަކުގެ ހަ މެންބަރަކު ވެސް އެ ކޮމެޓީގައި ތިއްބަވައެވެ. އެހެންކަމުން ހޮނިހިރު ދުވަހު ކޮމެޓީއެއް ބޭއްވުމަށް ނިންމާފައިވަނީ އެމްޑީޕީއަށް މެޖޯރިޓީ ގެއްލުމާއެކު ކަމުގައި ބުނެވޭނެ ހާލަތެއް ނެތް ތަނުގައި، އެމްޑީޕީއަށް ކޮމެޓީގެ މެޖޯރިޓީ ގެއްލުނު ކަމުގައި އެ ޕާޓީގެ މެންބަރުން ގަބޫލެއް ނުކުރައްވައެވެ.

އެގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވެސް ވަނީ އެ ކޮމެޓީގެ ނޯޓިސް މެންބަރުންނަށް ބުރާސްފަތި ދުވަހު ފޮނުއްވާފައިވާ ކަން ކަށަވަރުކޮށްދީފައެވެ. މެންބަރު ޒިޔާދަކީ މިހާރު ވެސް އެ ކޮމެޓީގައި އިންނަވާ ބޭފުޅެކެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ ކޮމެޓީގައި އެމްޑީޕީގެ މެޖޯރިޓީ ގެއްލުމާއެކު، ހޮނިހިރު ދުވަހަށް ކޮމެޓީއެއް އެޖެންޑާ ކުރި ކަމަށް ބުނެ ސޯޝަލް މީޑިޔާ އަދި ރާއްޖޭގެ ބައެއް ނޫސްތަކުގައި ދަނީ ހަބަރު ފަތުރަމުންނެވެ. އެގޮތުން އެކަން މެދުވެރިވީ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ 13 މެންބަރަކު އެމްޑީޕީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުއެވެ. އެގޮތުން އެ މެންބަރުން ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވީ ބޮޑެތި އަދަދުތަކުން ފައިސާ އަދި ސަރުކާރުގެ މަތީ މަގާމުތައް ހުށަހެޅުމުން ކަމަށް ބުނެ އަޑުތައް ދަނީ ފެތުރެމުންނެވެ.

- ކޮމެންޓް