Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2025 | ހޮނިހިރު 17:54
އައްޑޫ ސިޓީ: އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފަ
އައްޑޫ ސިޓީ: އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ހޮނިހިރު ދުވަހު ވަނީ އާންމުކޮށްފަ
ރާއްޖެއެމްވީ
އައްްޑޫ ސިޓީ
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އާންމުކޮށްފި
އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ވޯޓު ނެގުމަށް ވަނީ ނިންމާފަ
އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ވޯޓު ނެގުމަށް ހަމަޖެހިފައިވޭ

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމާފައިވާއިރު، އެކަމަށް ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު އާންމުކޮށްފި އެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭގޮތުން ވޯޓެއް ނަގަން ކެބިނެޓުން ނިންމީ މިދިޔަ އާދީއްތަ ދުވަހެވެ. އެ ނިންމުން ވަޒީރުންގެ މަޖިލީހުން ނިންމީ އެކަން އެގޮތަށް ކޮށްދިނުމަށް އެދި އައްޑޫ ރައްޔިތުންގެ ތެރެއިން ބަޔަކު ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށް ބުނެ އެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުން ވޯޓެއް ނަގަން ނިންމީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށެވެ.

އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި ހިނގާ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މިގޮތަށް ޚިޔާލު ހޯދުމަށް ވޯޓުނަގަން ނިންމާ މި ވޯޓުގައި ބައިވެރިވެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހު އާންމު ކުރިއިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލާފަ އެެވެ. އެގޮތުން އެ ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓަށް އެއްވެސް ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް އާދިއްތަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ޝަކުވާ ފޯމު އެ ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށާއި ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަންޖެހޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް [email protected] އަށް ކަމަށެވެ.

ސަރުކާރުން އާންމުކުރި ގެޒެޓް ގެ ސްކްރީންޝޮޓެއް: އައްޑޫ ކައުންސިލްތައް ވަކި ކުރާނީތޯ ބަލަން ނަގާ ވޯޓުގައި ވޯޓުލެވޭ މީހުންގެ ލިސްޓު ވަނީ އާންމުކޮށްފަ

އެގޮތުން އައްޑޫ ރައްޔިތުންގެ މެދުގައި ނަގާ ވޯޓު އޮންނާނީ މި މަހު 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ގުނުމުގެ މަސައްކަތް އެ ދުވަހުގެ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުން ފަށާނެ އެވެ.

- ކޮމެންޓް