Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 12:44
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ
ރައީސް އޮފީސް
ޖުޑިޝަރީ މިނިވަންކުރުން
ބަޖެޓުން ޖުޑިޝަރީއަށް ވަކި އިންސައްތައެއް ކަނޑައަޅަން ނިންމީ މިނިވަންކަމާއެކު ޖުޑިޝަރީ ހިންގުމަށް މަގުފަހިކުރުމަށްޓަކައި: ރައީސް މުއިއްޒު
މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށް އެކުލަވާލެވޭ ނިޒާމެއް
މި ނިޒާމުގެ ދަށުން ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު ލިބޭނެ
ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާއެކު، ގިނަ ބައެއްގެ ފާޑުކިޔުން ޖުޑިޝަރީގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައި

ޖުޑިޝަރީ މިނިވަންކަމާއެކު ހިންގުމަށް އެންމެ މުހިންމު ކަމަކީ މާލީ މިނިވަންކަން ލިބިގެންދިއުން ކަމަށާއި، އެކަމަށް މަގުފަހިކުރުމަށްޓަކާ، އަންނަ އަހަރުގެ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑީޝަރީއަށް ކަނޑައެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ މީސްމީޑިއާ މެދުވެރިކުރައްވައި ބުރާސްފަތި ދުވަހު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި، މި މަގުސަދު ހާސިލުކުރެއްވުމަށް، ޖުޑިޝަރީއަށް މާލީ އަދި އިދާރީ މިނިވަންކަން ހޯދައިދިނުމަށް، އަންނަ އަހަރުން ފެށިގެން ފާހަގަކުރެވޭ ބަދަލުތަކެއް ގެންނެވުމަށް ކެބިނެޓުގައި ބުދަ ދުވަހު މަޝްވަރާކުރައްވައި، މިގޮތަށް ނިންމަވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ.

އެގޮތުން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައަޅައި، އެ ފައިސާ ވަކި އުސޫލެއްގެ ދަށުން ބޮލޮކް ގްރާންޓުގެ ގޮތުގައި ދޫކުރުމަށް ނިންމަވާފައިވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ޖުޑިޝަރީއަށް ފުރިހަމަ މާލީ މިނިވަންކަން ދިނުމަށްޓަކައި އެކުލަވާލެވޭ ނިޒާމެއްކަމަށާ، މި ނިޒާމުގެ ދަށުން، ޖުޑިޝަރީއަށް ލިބޭ ފައިސާ ޚަރަދުކުރުމުގެ ފުރިހަމަ އިޚްތިޔާރު، ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އަދި ބަޖެޓުން ކަނޑައެޅޭ މި އިންސައްތައަކީ މިހާތަނަށް ޖުޑިޝަރީއަށް ކަނޑައެޅިފައިވާ ބަޖެޓު ސީލިންގތަކަށްވުރެ ބޮޑު އަދަދެއް ލިބިގެންދާނޭ އިންސައްތައެއް ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންނަ އަހަރަށް ދައުލަތުން ފާސްކުރާ ބަޖެޓުން ފެށިގެން، ދައުލަތުގެ އާމްދަނީން ވަކި އިންސައްތައެއް ޖުޑިޝަރީއަށް ކަނޑައެޅުމަށްޓަކާ ގާނޫނީގޮތުންނާއި، ފަންނީ ގޮތުންނާއި، ނިޒާމީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ފައްޓަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް މިސަރުކާރުގައި ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ. އަދި އެދުވަސްވަރު ރައީސް މުއިއްޒު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ވެސް ދެއްވިއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ސަރުކާރު ކޮންޓްރޯލް އޮންނަ ޖޭއެސްސީން ނިންމައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން 14 މެއި 2025 ގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

މި ސަރުކާރާއެކު ސުޕްރީމް ކޯޓުގެ ބެންޗަށް ގެނައި ބަދަލާއެކު، ގިނަ ބައެއްގެ ފާޑުކިޔުން ޖުޑިޝަރީގެ އިތުރުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި މިއަދާ ހަމައަށް ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްފައިނުވެއެވެ.

- ކޮމެންޓް