ކ. މާލެ
|
21 އޮކްޓޯބަރ 2023 | ހޮނިހިރު 09:44
އާޖެންޓީނާގެ ޕާޕޫ ގޮމޭޒް
އާޖެންޓީނާގެ ޕާޕޫ ގޮމޭޒް
ޓްވީޓަރ
އާޖެންޓީނާ ޤައުމީ ޓީމު
ޑޯޕިންގ އަށް ޕޮޒިޓިވްވެ، އާޖެންޓީނާގެ ގޮމޭޒް އަށް ބޮޑު ސަސްޕެންޝަނެއް
ސަސްޕެންޝަކާ ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެދި އެންޓި ޑޯޕިންގ ޓެސްޓަކުން ފެއިލްވުމުން

އިޓާލިއަން ލީގުގެ މޮންޒާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޕާޕޫ ގޮމޭޒް އަށް ބޮޑު ސަސްޕެންޝަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އުމުރުން 25 އަހަރުގެ މިޑްފީލްޑަރަށް ސަސްޕެންޝަކާ ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހެދި އެންޓި ޑޯޕިންގ ޓެސްޓަކުން ފެއިލްވުމުންނެވެ. އެއާއެކު ގޮމޭޒް އަށް ވަނީ ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ކުރިމަތިވެފަ އެވެ. ގޮމޭޒް ކުޅެމުން އަންނަ މޮންޒާ އިން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އެކުލަބުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ އެކަން ރަސްމީކޮށް އެ ކުލަބަށް އަންގައިފަ އެވެ.

ސެވިއްޔާ ދޫކޮށް ގޮމޭޒް މޮންޒާ އަށް ބަދަލުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ސެވިއްޔާ އިން އޭނާ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން ނިންމުމާއެކު، ހިލޭ ޓްރާންސްފާއެއްގަ އެވެ. ސެވިއްޔާ އިން އޭނާގެ އެއްބަސްވުން އުވާލީ، ދެ ފަރާތުގެ ދެމެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު އެވެ.

ގޮމޭޒް އަކީ އާޖެންޓީނާ ޤައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އެންމެ ފުރަތަމަ އޭނާ އަށް ޤައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އާޖެންޓީނާ އިން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރި ޓީމުގައި ވެސް ގޮމޭޒް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް