ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 12:22
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
މެސީ ހުރީ މިއީ އޭނާގެ ފަހު މެޗުތައް ކަމަށް ވިސްނައިގެން
އާޖެންޓީނާ އާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ދެ ފަހަރު، ފީފާ ވޯލްޑް ކަޕް އަދި ފައިނަލިސިމާ ކާމިޔާބު ކޮށްފައިވާ މެސީ ވަނީ، ޤައުމީ ޓީމަށް ކުޅެދިން 189 މެޗުގައި 112 ލަނޑު ޖަހައިފަ އެވެ.

އާޖެންޓީނާ ޤައުމީ ޓީމާ އެކު މިހާރު ދުވަސްތައް ހޭދަކުރަމުންދާއިރު، މިއީ އޭނާގެ ފަހު މެޗުތައް ކަމަށް ވިސްނައިގެން ކުރިއަށްދާ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެކުނު އެމެރިކާ ސަރަހައްދުގެ ބުރުގައި އާޖެންޓީނާ އިން ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، އޭނާގެ މުސްތަޤުބަލާ ގުޅޭ ގޮތުން ސުވާލު ކުރުމުންނެވެ. އެ މެޗުގައި މެސީ ވަނީ ތިން ލަނޑު ޖަހައި ހެޓްރިކް ހެދުމުގެ އިތުރުން، ދެ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ، މުސްތަޤުބަލާ މެދު ނުވަތަ ކުޅުން ހުއްޓާލާނެ ވަކި ދުވަހެއް ނުވަތަ މުއްދަތެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ. އޭނާ ބޭނުން ވަނީ މިވަގުތު ވެސް ފުޓުބޯޅައިގެ އުފާ އެންމެ ފުރިހަމަ އަށް ލިބިގަންނަން ކަމަށް މެސީ ވަނީ ބުނެފަ އެވެ. މީގެ ކުރިއަށްވުރެ ބޮޑަށް އާޖެންޓީނާ ޤައުމީ ޓީމަށް ޚާއްސަ ގާތް ކަމެއް އޮންނަ ކަމަށާއި، ކުރިއަށް ވުރެ ބޮޑަށް އާޖެންޓީނާ ސަޕޯޓަރުން އޭނާ ދެެކެ ލޯބިވާކަން އިޙުސާސް ކުރެވޭކަން ފާހަގަކޮށް މެސީ ބުނީ، ކުރިއަށް ދަނީ މިއީ އޭނާގެ ފަހު މެޗުތައް ނުވަތަ ދުވަސްތައް ކަމަށް ދެކިގެން ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނީ، މިހާރު އޭނާ ހުރި ހިސާބަކީ ހިތްހަމަ ޖެހޭ ހިސާބެއް ކަމަށެވެ. އުމުރުން މިހާރު ދުވަސްވެފައި ވީ ނަމަވެސް، އާޖެންޓީނާ ޓީމާއެކު ހިތްހަމަ ޖެހޭ ވަގުތުތަކެއް ހޭދަކުރެވޭކަމަށް މެސީ ވަނީ ފާހަގަ ކޮށްފަ އެވެ. މެސީ ބުނި ގޮތުގައި އޭނާ އަށް ރަނގަޅަށް ކުޅެވޭކަން އިޙުސާސް ކުރެވޭ ހިނދަކު، ފުޓުބޯޅަ އިން އުފާ ލިބިގަތުމުގައި ހުންނަން އޭނާ ބޭނުންވެ އެވެ.

އާޖެންޓީނާ އާއެކު ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ދެ ފަހަރު، ފީފާ ވޯލްޑް ކަޕް އަދި ފައިނަލިސިމާ ކާމިޔާބު ކޮށްފައިވާ މެސީ ވަނީ، ޤައުމީ ޓީމަށް ކުޅެދިން 189 މެޗުގައި 112 ލަނޑު ޖަހައިފަ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް އާޖެންޓީނާ އިން ކުޅެމުން އަންނައިރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ފެނުމާމެދު ކުރާ ސުވާލަށް މެސީ ވަކި ޖަވާބެއް ނުދެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް