ކ. މާލެ
|
20 ނޮވެންބަރ 2024 | ބުދަ 09:37
މެޗުގައި ލަނޑު ޖެހުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު މާޓިނޭޒް އުފާ ފާޅު ކުރަނީ
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި
މޮޅާއެކު އާޖެންޓީނާ އިން ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޕެރޫއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އާޖެންޓީނާ އިން ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި ދެމި އޮވެއްޖެ އެވެ.

ބުދަ ދުވަހުގެ ހެނދުނު ޕެރޫއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. އެ މެޗުގެ ކުރިން ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ވަނީ ބަލިވެފަ އެވެ.

ޕެރޫ މެޗުގައި އާޖެންޓީނާ އިން ވަނީ ފުރަތަމަ ހާފުގައި ވެސް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ އާޖެންޓީނާ އަށް ލީޑު ނަގައިދޭން ފުރަތަމަ ހާފުގައި އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަދި ހޫލިއަން އަލްވަރޭޒް އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ. މެޗުން އާޖެންޓީނާ މޮޅުވީ ދެ ވަނަ ހާފުގައި އެ ޓީމުން ޖެހި ލަނޑުންނެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ ލައުޓާރޯ މާޓިޏޭޒް އެވެ. އެ ލަނޑު އޭނާ ޖެހީ ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މޮޅާއެކު އާޖެންޓީނާ އިން ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ކޮލިފިކޭޝަންގައި މިހާތަނަށް އާޖެންޓީނާ އިން 12 މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އެ ޓީމު އޮތީ 25 ޕޮއިންޓާ އެކު އެވެ. އަށް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން މެޗަކުން ބަލިވެފައިވެ އެވެ. އަދި އެއް މެޗު ވަނީ އެއްވަރުވެގެން ނިމިފަ އެވެ.

- ކޮމެންޓް