ފީފާ ވޯލްޑް ކަޕް ކޮފިކޭޝަންގައި ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުން އާޖެންޓީނާ ހަ ލަނޑުގެ މޮޅެއް ހޯދިއިރު، އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހެޓްރިކް ހަދައިފި އެވެ.
ބުދަ ދުވަހުގެ ފަތިހު ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 6-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާ އިން ތިން ލަނޑު ޖެހިއިރު، ފަހު ހާފުގައި ވެސް ވަނީ ތިން ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އާޖެންޓީނާ އަށް ލީޑު ނަގައިދިނީ މެސީ އެވެ. އޭގެ ފަހުން މެޗުގެ 43 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ލައުޓާރޯ މާޓީނޭޒް އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހޫލިއަން އަލްވަރޭޒް ވަނީ އާޖެންޓީނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ދެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.
މެޗުގެ 69 ވަނަ މިނެޓުގައި އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު ޖެހީ ތިއާގޯ އަލްމަޑާ އެވެ. މެޗުގައި އާޖެންޓީނާގެ ފަސް ވަނަ ލަނޑާއި، ހަ ވަނަ ލަނޑު ޖެހީ ވެސް މެސީ އެވެ. އެއީ 84 ވަނަ މިނެޓު އަދި 86 ވަނަ މިނެޓުގައި މެސީ ޖެހި ދެ ލަނޑެވެ. އެ ދެ ލަނޑާ އެކު މެސީ ވަނީ މެޗުގައި އޭނާގެ ހެޓްރިކް ހަމަކޮށްފަ އެވެ.
މޮޅާއެކު އާޖެންޓީނާ އޮތީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގެ އެއް ވަަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 10 މެޗުން 22 ޕޮއިންޓާ އެކު އެވެ.