ކ. މާލެ
|
25 ނޮވެންބަރ 2024 | ހޯމަ 10:21
ފީފާ ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފީފާ ވޯލްޑް ކަޕްގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރޮއިޓާސް
އާޖެންޓީނާ ޤައުމީ ޓީމު
އާޖެންޓީނާ އިން އިންޑިއާގައި މެޗެއް ކުޅެނީ
އެގޮތުން އޭނާ ވިދާޅުވީ ކެރެލާ ސްޓޭޓުގެ ވިޔަފާރިވެރިން ވަނީ އެ މެޗު ކުރިއަށް ގެންދިޔުމުގައި މާލީ ގޮތުން އެހީތެރިކަން ދިނުމަށް އެއްބަސްވެފައި ކަމަށެވެ.

ފީފާ ވޯލްޑް ކަޕް އަދި ދެކުނު އެމެރިކާ ސަރަހައްދުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން، އިންޑިއާގައި ރަޙުމަތްތެރިކަމުގެ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިންޑިއާގެ ކެރެލާގެ ސްޕޯޓްސް މިނިސްޓަރު ވީ ޢަބްދުއް ރަޙުމާން ވަނީ އާޖެންޓީނާގެ ޤައުމީ ޓީމުން އަންނަ އަހަރު ކެރެލާގައި މެޗެއް ކުޅުމަށް ނިންމާފައިވާކަން ހާމަކުރައްވައިފަ އެވެ. އެކަމާ ގުޅޭ ގޮތުން އާޖެންޓީނާގެ ފުޓުބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަަކަށް އާދެވިފައިވާކަން ހާމަކުރައްވައި ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ، އެ މެޗު ކުޅޭ އިރު އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ވެސް އެ ޓީމުގައި ހިމެނޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މެސީ ހިމެނޭ ގޮތަށް ދުނިޔޭގެ އެއް ވަނަ ޓީމު އާޖެންޓީނާ އަންނަ އަހަރު ކެރެލާ އަށް އަންނާނެ ކަމަށާއި، އެ މެޗު އޮންނާނީ ކެރެލާ ސްޓޭޓް ސަރުކާރުގެ ފުރިހަމަ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ކެރެލާ ސްޓޭޓުގެ ވިޔަފާރިވެރިން ވަނީ އެ މެޗު ކުރިއަށް ގެންދިޔުމުގައި މާލީ ގޮތުން އެހީތެރިކަން ދިނުމަށް އެއްބަސްވެފައި ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އާޖެންޓީނާ ފުޓުބޯޅަ ފެޑެރޭޝަންގެ އޮފިޝަލުން ކެރެލާ އަށް ދަތުރު ކުރާނެ ކަމަށެވެ. އާޖެންޓީނާ އިން ކެރެލާގައި މެޗު ކުޅޭނެ ތާރީޚަކާ އަދި އެ މެޗު ކުޅޭނީ ކޮން ޓީމަކާ ދެކޮޅަށްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ސްޕޯޓްސް މިނިސްޓަރު ވިދާޅުވީ އެކަމުގެ ތަފުސީލުތައް ފަހުގެ ތާރީޚެއްގައި އިއުލާން ކުރާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ އެ މެޗު ކުރިއަށް ދާނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދަރާ (ފީފާ)ގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އެ މެޗު އޮންނާނީ ފީފާގެ ބައިނަލްއަޤުވާމީ ބްރޭކުގެ ތެރޭގައި ކަމަށެވެ.

އިތުރަށް އޭނާ ވިދާޅުވީ އާޖެންޓީނާގެ ޤައުމީ ޓީމުގެ އެ ދަތުރަކީ ކެރެލާ ސްޓޭޓުން ކުޅިވަރަށް އޮތް ލޯބި ދައްކުވައިދޭނެ ކަމެއް ކަމަށެވެ. ކެރެލާ ފާހަގަ ކުރެވިފައި ވަނީ އާޖެންޓީނާ އަދި މެސީ އަށް ބޮޑު ސަޕޯޓެއް އޮންނަ ސްޓޭޓެއްގެ ގޮތުގަ އެވެ. އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރުމާއެކު ވެސް، ކެރެލާގައި ވަނީ އެކަމުގެ އުފާ ވަރަށް ބޮޑަށް ފާޅު ކޮށްފަ އެވެ.

މިއީ މެސީ އިންޑިއާ އަށް ދަތުރު ކުރާނެ ދެ ވަނަ ފަހަރެވެ. މީގެ ކުރިން 2011 ވަނަ އަހަރު ވެސް އޭނާ ވަނީ އިންޑިއާގައި މެޗެއް ކުޅެފަ އެވެ. އެއީ ބައިނަލްއަޤުވާމީ ރަޙުމަތްތެރިކަމުގައި އާޖެންޓީނާ އިން ވެނެޒުއެލާއާ ދެކޮޅަށް ކުޅުނު މެޗެވެ.

- ކޮމެންޓް