ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 09:13
ސްޕެއިންގެ ސްޕޯޓްސް މިނިސްޓަރު މިކުއެލް އައިސެޓާ
ސްޕެއިންގެ ސްޕޯޓްސް މިނިސްޓަރު މިކުއެލް އައިސެޓާ
ރޮއިޓަސް
ސްޕެއިން ޤައުމީ އަންހެން ޓީމު
ކުޅިވަރުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތު ކުރުންތައް ނިމުނީ: ސްޕެއިންގެ ކުޅިވަރު ވަޒީރު
އޭނާ ވިދާޅުވީ ކުޅިވަރުގައި އަންހެނުންނަށް ދިމާވާނެ އިތުރު އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށް

ކުޅިވަރުގައި އަންހެނުންނާމެދު ގެންގުޅެމުން އައި ތަފާތުކުރުންތައް ނިމުނީ ކަމަށް ސްޕެއިންގެ ކުޅިވަރު ވަޒީރު މިކުއެލް އައިސެޓާ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ސްޕެއިން ފުޓުބޯޅަ ފެޑެރެޝާންގެ ރައީސް، ލުއިސް ރުބިއާލޭސްގެ އަމަލަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަނިކޮށެވެ. އެއީ ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތް ކާމިޔާބު ކުރި ސްޕެއިން ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިއަކަށް ރުބިއާލޭސް ބޮސްދިން މައްސަލަ އެވެ.

އެކަމާ ގުޅިގެން އައިސެޓާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، އަންހެނުންނާ މެދު ކުޅިވަރުގައި ގެންގުޅޭ ތަފާތު ކުރުންތައް ނިމުނީ ކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރުގައި އަންހެނުންނަށް އިތުރު އެއްވެސް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ. ވޯލްޑް ކަޕްގެ ފައިނަލަށްފަހު ހިނގައިދިޔަ ކަންތަކާ ގުޅޭ ގޮތުން އައިސެޓާ ވިދާޅުވީ، އެއީ ހިނގަން ނުޖެހޭ ކަމެއް ކަމަށެވެ. އެކަންކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އިޖުތިމާޢީ ގޮތުންނާއި ކުޅިވަރުގެ ޙަޤީޤީ ނުތަނަވަސްކަން އަޅުގަނޑުމެންނަށް ފިލައިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ސްޕެއިން އަކީ ރަނގަޅު ޤައުމަކަށް ވެގެންދާނެ ކަމަށް އައިސެޓާ ދެކިލައްވަ އެވެ.

އިތުރަށް އައިސެޓާ ވިދާޅުވީ މީހުންގެ އަމަލުން އޭނާ އަކީ ކޮން ކަހަލަ މީހެއްކަން ސާފުކޮށް ފެންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ޖެހިގެން އުޅޭ މައްސަލައިގައި އަވަސް ހައްލެއް ހޯއްދެވުމަށް އެ ޤައުމުގެ ސަރުކާރާއި، ޚުދު އޭނާ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާ އެދިލެއްވީ ކުޅިވަރުގައި އެންމެން ވެސް ހަމަހަމަވާން ޖެހޭނެ ކަމަށާއި، އެންމެން އެކުވެގެން ކުޅިވަރު ކުރިއެރުވޭނެ ކަމަށެވެ.

ރުބިއާލޭސްގެ އަމަލާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އެކަމާ ގުޅިގެން އޭނާ ވަނީ ބަޔާނެއް ވެސް ނެރުއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް