ބާސެލޯނާ އަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ، ލަމީން ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.
ޔަމާލް އަށް ލިބިފައިވާ އަނިޔާ އިން މުޅިން ރަނގަޅު ނުވާކަން އިނގުނީ، އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އިން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ކުރިއަށް ގެންދިޔަ އޭނާގެ ޓެސްޓު ތަކުންނެވެ.
ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ އިން ކުޅުނު މެޗުގައި ޔަމާލް ވަނީ ކުޅެފަ އެވެ. އޭގެ ކުރިން ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅުނު މެޗުގައި ޔަމާލް ކުޅެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެއީ ވެސް އަނިޔާ އިން ސަލާމަތްވެ އަލުން ކުޅުމުގެ ތެރެއަށް އައިސްގެންނެވެ.
ޔަމާލް އަށް ލިބިފައިވާ އަނިޔާ އިން މުޅިން ރަނގަޅު ވުމަށް ތިން ހަފުތާއެއްގެ މުއްދަތު ނަގާނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ޔަމާލް އަށް ނުކުޅެވޭނެ އެވެ. މީގެ އިތުރުން މި މަހު ސްޕެއިންގެ ޤައުމީ ޓީމުން ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތަކުގައި ވެސް ޔަމާލް އަށް ނުކުޅެވޭނެ އެވެ.
އަނިޔާ އިން ރަނގަޅު ނުވެ ޔަމާލް އަނެއްކާ ވެސް ކުޅުމާ ދުރަށް ދާން ޖެހިފައިވާއިރު، އޭނާ އަކީ ބާސެލޯނާގެ އިތުރުން ސްޕެއިންގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަންގައި ބާސެލޯނާ އަށް ކުޅެދިން ފަސް މެޗުގައި ޔަމާލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަންގައި ވެސް އޭނާ ވަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މީގެ ކުރިން ޔަމާލް އަށް އަނިޔާގެ މައްސަލައެއް ދިމާވެފައި ވަނިކޮށް، ސްޕެއިން ޤައުމީ ޓީމުގައި އޭނާ ލައްވާ ކުޅުމުން ބާސެލޯނާ އިން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އެކަމާ ގުޅިގެން ނުރުހުން ފާޅުކޮށް ވާހަކަ ދެއްކީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެވެ.