ކ. މާލެ
|
7 ނޮވެންބަރ 2024 | ބުރާސްފަތި 10:39
ރައީސް ޔާމީން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
ރައީސް ޔާމީން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި
ރާއްޖެއެމްވީ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނަން، ޝައްކެތް ނެތް: ރައީސް ޔާމީން
ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން އެންމެ ފުރަތަމަ ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު ޖަލަށް ނުލައި ހުރެދާނެތޯ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށާއި، އެކަމަކީ ޝައްކެތް ވެސް އޮތް ކަމެއް ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ހެނދުނު ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން އެންމެ ފުރަތަމަ ރައީސް ޔާމީން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު ޖަލަށް ނުލައި ހުރެދާނެތޯ އެވެ. އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ހުރިހާ އެންމެން ވެސް މަސައްކަތް ކުރަނީ އެމަނިކުފާނު ޖަލަށް ލާން ކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލުނީ ޖަލު ޙުކުމެއްގައި ހުންނެވުމުންނެވެ. މިހާރު ހުންނެވީ ޖަލު ޙުކުމުން ސަލާމަތްވެގެން ކަމަށާއި، ދެން އެކަން ނުބައި ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބަކީ އެމަނިކުފާނާ ދެކޮޅަށް ހެކި ބަސް ދޭ ކަމަށާއި، އޭނާ އަކީ މުރުއްވަތްތެރިކަން ގެއްލިފައިވާ ކަމަށާއި، އޭނާ އަކީ ފާސިޤެއް ކަމަށް ހުރިހާ ކޯޓަކުން ވެސް ނިންމާފައިވާ މީހެއް ކަމަށެވެ. އެހެންކަމުން އަދީބު ދައްކާ ވާހަކަ އަކީ އިތުރު ހެއްކަކާ ނުލައި ބަލައި ގަނެވޭނެ ވާހަކައެއް ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން އެމަނިކުފާނުގެ ޝަރީޢަތްތައް ޤާނޫނީ ހަމަތަކުގެ މަތިން، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްފި ނަމަ، ޙުކުމެއް އަންނާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެފަދަ ޙުކުމެއް ނާންނަ ޙާލަތެއްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަފާނެތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، ޝައްކެއް ވެސް ނެތް ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ.

އަޅުގަނޑު ކުރިމަތިލަނީ އަޅުގަނޑު ވެރިކަން ބޭނުންވެގެންނެއް ނޫން. އަޅުގަނޑު ކުރިމަތިލުމުގައި އޮތީ މައިގަނޑު ތިން ކަމެއް. އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަަރަހައްދު ހޯދުމާއި، އަދި ހޯދޭ ކަަމަށް ވަންޏާ ފޯޅަވަހި ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން. މި ސަރުކާރު އެއް އަހަރު ވެގެން ދިޔައީ އިޓްލޮސްގެ ނެތް ސިޓީއެއް، ކުރީގަ ނިންމާފައި އޮތް ނިންމުން ތިމަންނަމެން އިހުތިޖާޖު ކުރަމޭ. ދެން އޮތީ އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭލުން. މި ދެ ކަންތައް ޙައްލު ކުރުމަށްޓަކައި ވެސް، އަޅުގަނޑު ބޭނުންވޭ ޚިދުމުގެ ފުރުސަތު ލިބުން.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީން ވަޑައިގެން، އޭގެ ފަސް އަހަރު ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ދެ ވަނަ ދައުރަކަށް ވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް އެ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކޮށް އެމަނިކުފާނަށް ވަނީ ނާާކާމިޔާބާ ކުރިމަތިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ވެސް އެމަނިކުފާނު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދާތީ، އެމަނިކުފާނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުންނެވެ.

އެއާއެކު އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އެ އަހަރުގެ އިންތިޚާބުގައި ވާދަކުރެއްވީ މިހާރުގެ ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ.

- ކޮމެންޓް