ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސްޕެއިން އިން ކުޅުނު ދެ ވަނަ މެޗުގައި ތުރުކީ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 6-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިން އިން ތިން ލަނޑު ޖެހިިއިރު، ދެ ވަނަ ހާފުގައި ސްޕެއިން އިން ވަނީ އަނެއް ތިން ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ ޕެޑްރީ އެވެ. އެއީ ނިކޯ ވިލިއަމްސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން 22 ވަނަ މިނެޓުގައި ސްޕެއިންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ މިކޭލް މެރީނޯ އެވެ. އެ ލަނޑު ޖަހަން މެރީނޯ އަށް ފުރުސަތު ތަނަވަސްކޮށްދިނީ، މިކޭލް އޮޔާޒަބާލް އެވެ.
އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މެރީނޯ ވަނީ އިތުރު ލަނޑެއް ޖަހައި، ސްޕެއިން އަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. އެއީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މެރީނޯ ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ސްޕެއިންގެ ހަތަރު ވަނަ ލަނޑު ޖެހީ ފެރާން ޓޮރޭސް އެވެ. އެ ލަނޑު ޖަހަން ޓޮރޭސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލަމީން ޔަމާލް އެވެ. އޭގެ ހަތަރު މިނެޓު ފަހުން މެރީނޯ ވަނީ މެޗުގައި އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަމަކޮށްފަ އެވެ. އަދި މެޗުގެ 62 ވަނަ މިނެޓުގައި ޕެޑްރީ ވަނީ ސްޕެއިންގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ.
މޮޅާއެކު، ގުރޫޕް އީގެ އެއް ވަނައިގަައި ސްޕެއިން އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ކޮލިފިކޭޝަންގައި ދެން ސްޕެއިން އަށް އޮންނާނީ ޖޯޖިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.