އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގަައި ޖަރުމަނުގެ ބަޔާން މިއުނިކުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފި އެވެ.
ބަޔާނުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 4-3 ގެ ނަތީޖާއަކުންނެވެ. މެޗު ފަށައިގެން ދެ ވަނަ މިނެޓުގައި ލިވަޕޫލަށް ކުރި ހޯދައިދިނީ ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އެވެ. އޭގެ ފަހުން މެޗުގެ 28 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިނީ އެ ޓީމުގެ އައު ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. ދެ ލަނޑުގެ ލީޑެއްގައި ލިވަޕޫލް އޮތް ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ބަޔާންގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ޖެހީ ސާޖް ގްނަބްރީ އެވެ. އޭގެ ފަހުން 42 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހީ ލެރޯއީ ސާނޭ އެވެ.
ދެ ވަނަ ހާފަށް ނުކުމެ ލިވަޕޫލުން އިތުރު ލަނޑެއް ޖަހައި ދެ ވަނަ ފަހަރަށް މެޗުގައި ލީޑު ވެސް ނެގި އެވެ. އެއީ 66 ވަނަ މިނެޓުގައި ލުއިޒް ޑިއާޒް ޖެހި ލަނޑުންނެވެ. ނަމަވެސް މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ބަޔާނުން ވަނީ ދެ ލަނޑު ޖަހައިގެން މެޗު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ނަތީޖާ ބަޔާނަށް ހަމަހަމަ ކޮށްދިން ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ޖޮސިޕް ސްޓެނިސިކް އެވެ. ބަޔާން މޮޅު ކޮށްދިން ލަނޑު ފްރޭންސް ކްރެޓްޒިގް ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މިއީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ލިވަޕޫލުން ކުޅުނު ހަތަރު ވަނަ މެޗެވެ. މީގެ ތެރެއިން އެ ޓީމު ވަނީ ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ، އެއް މެޗުން ބަލިވެފަ އެވެ. ސީޒަން ފެށުމުގެ ކުރިން ލިވަޕޫލުން ބާކީ އެއް މެޗު ކުޅޭނެ އެވެ. ބަޔާނުން ތިން މެޗު ކުޅުނުއިރު، ދެ މެޗުން ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ވަނީ ބަލިވެފަ އެވެ.