Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 10:10
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕެލަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ޕެލަސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ކަރަބޯ ކަޕް
ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓައިފި
އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަނެއް ހަ މެޗުން ބަލިވެފައިވާއިރު، ލިވަޕޫލްގެ އޮތީ ޕްރެޝަރެއްގެ ތެރޭގަ އެވެ.

ކަރަބޯ ކަޕްގެ ހަތަރު ވަނަ ބުރުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ޕެލަސް އިން ވަނީ 3-0 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕެލަސް އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ޕެލަސް އަށް ލަނޑު ޖަހައި ލީޑު ނަަގައިދިނީ އިސްމާއިލާ ސާރް އެވެ. އޭގެ ހަތަރު މިނެޓު ފަހުން ސާރް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ޕެލަސް އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޔެރެމީ ޕިނޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގައި ލަނޑު ޖަހަން ލިވަޕޫލް އިން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. މެޗުގެ 79 ވަނަ މިނެޓުގައި ލިވަޕޫލްގެ އަމަރާ ނަލޯ އަށް ސީދާ ރަތް ކާޑު ދެއްކުމުން، އެ ޓީމުން ބާކީ ބައި ފުރިހަމަ ކުރީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ޕެލަސް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު ޕެލަސް އަށް ޖަހައިދިނީ ޕިނޯ އެވެ.

ޕެލަސް އަތުން ބަލިވެ ކަރަބޯ ކަޕް އިން ލިވަޕޫލް ކަޓާފައިވާއިރު، މިދިޔަ ސެޕްޓެމްބަރު މަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ލިވަަޕޫލް ވަނީ ޕެލަސް އަތުން ބަލިވެފަ އެވެ. އޭގެ ފަހުން ލިވަޕޫލްގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އޭގެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަޓަސަރާއިއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ލިވަޕޫލް ވަނީ ބަލިވެފަ އެވެ.

ޕްރިމިއާ ލީގުގައި މި އޮކްޓޫބަރު މަހުގެ ތެރޭގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗާއި، މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ، ލިވަޕޫލް ޕްރެޝަރަށް ދިޔަ އެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގުގައި އައިންޓްރަކްޓް ފްރޭންކްފާޓްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ހަމަޖެހުމެއް ހޯދި ނަމަވެސް، ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަަށް ކުޅުނު މެޗުން ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން ލިވަޕޫލް ކުޅުނު ހަތް މެޗުގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އަނެއް ހަ މެޗުން ބަލިވެފައިވާއިރު، ލިވަޕޫލްގެ އޮތީ ޕްރެޝަރެއްގެ ތެރޭގަ އެވެ.

- ކޮމެންޓް