Advertisement
ކ. މާލެ
|
4 ނޮވެންބަރ 2025 | އަންގާރަ 08:40
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސްލޮޓް އެދުނީ ސަޕޯޓަރުން ލިވަޕޫލް އާއެކު ތިބުމަށް
އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ. އެ މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، ސްލޮޓް ބުނީ މިދިޔަ ސީޒަންގައި ކުޅުނު އެ މެޗާއި، ކުރިއަށް އޮތް މެޗާ އަޅާ ކިޔަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަންގައި އެ މެޗު ކުޅުނުއިރު ރެއާލްގައި ވަރަށް ބައިވަރު އަނިޔާގެ މައްސަލަތައް އޮތް ކަމަށާއި، މިފަހަރު އެ ޓީމުގައި އެކަހަލަ މައްސަލައެއް ވެސް ފެންނަން ނެތް ކަމަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިވަޕޫލް އިން ރެއާލް މެޑްރިޑްއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމުގެ ސަޕޯޓަރުން ޓީމާ އެކު ތިބި، ޓީމަށް ހިތްވަރު ދިނުމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް އެދިއްޖެ އެވެ.

ރެއާލްއާ ދެކޮޅަށް ނިކުންނައިރު ލިވަޕޫލް އަށް ކުރިމަތިވެފައި އޮތީ އުނދަގޫ ޙާލަތަކެވެ. އެންމެ ފަހުން އެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވެފައި ވަނީ ތިން މެޗުންނެވެ. އަނެއް ފަސް މެޗުން ލިވަޕޫލް ވަނީ ބަލިވެފަ އެވެ. ރެއާލް މެޗުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ވަނީ ހަމަ ޖެހުމެއް ހޯދައިފަ އެވެ.

ރެއާލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްލޮޓް ބުނީ، އެންމެ ފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަޕޯޓަރުންގެ ފަރާތުން ޓީމަށް ދިން ކަހަލަ ހިތްވަރެއް ރެއާލް މެޗުގައި ދިނުމަށް ވެސް އެދޭ ކަމަށެވެ. އެކަމުން ލިވަޕޫލް އާއި، ޓީމުގެ ކުޅުންތެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރުވާ ކަމަށް ސްލޮޓް ވަނީ ފާހަގަ ކޮށްފަ އެވެ.

ޚާއްސަކޮށް ރެއާލް އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، އަމިއްލަ ދަނޑުގައި ކުޅެން ޖެހުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށް ސްލޮޓް ވަނީ ބުނެފަ އެވެ. އެންފީލްޑުގައި ކުޅޭ ކޮންމެ މެޗެއް ވެސް ލިވަޕޫލް އަށް ޚާއްސަ ވާނެ ކަމަށާއި، ޚާއްސަކޮށް ރެއާލް ކަހަލަ ޓީމަކާ ދެކޮޅަށް ކުޅޭ އިރު އެންފީލްޑުގައި އޮންނަ ހިތްވަރު ބޭނުންވާ ކަމުގައި ސްލޮޓް ބުންޏެވެ.

އެންމެ ފަހުން މި ދެ ޓީމު ބައްދަލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގަ އެވެ. އެ މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، ސްލޮޓް ބުނީ މިދިޔަ ސީޒަންގައި ކުޅުނު އެ މެޗާއި، ކުރިއަށް އޮތް މެޗާ އަޅާ ކިޔަން ވަރަށް އުނދަގޫ ވާނެ ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަންގައި އެ މެޗު ކުޅުނުއިރު ރެއާލްގައި ވަރަށް ބައިވަރު އަނިޔާގެ މައްސަލަތައް އޮތް ކަމަށާއި، މިފަހަރު އެ ޓީމުގައި އެކަހަލަ މައްސަލައެއް ވެސް ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން ސްލޮޓް ބުނީ ރެއާލްގެ ކޯޗުކަމާ ހަވާލުވެ ޒަބީ އަލޮންސޯ އަންނަނީ ވަރަށް ރަނގަޅު މަސައްކަތް ތަކެއް ކުރަމުން ކަމަށެވެ. ރެއާލް އިން އައު ކުޅުންތެރިން ތަކެއް ވެސް ގެނެސްފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ރެއާލް އިން ތަފާތު ކަމެއް ފެނިދާނެ ކަމަށް ވެސް ސްލޮޓް ވަނީ ފާހަގަ ކޮށްފަ އެވެ. އެކަން ފާހަގަކޮށް ސްލޮޓް ބުނީ މިދިޔަ ސީޒަންގައި ވެސް ފެނުނީ ވަރަށް ރަނގަޅު ޓީމެއް ކަމަށާއި، މިހާރު ވެސް ފެންނަނީ ހަމަ އެ ފަދަ ޓީމެއް ކަމަށެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ލިވަޕޫލް ތިން މެޗު ކުޅެފައިވާއިރު، ދެ މެޗުން މޮޅުވެ، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ. ހަ ޕޮއިންޓާ އެކު ލިވަޕޫލް އޮތީ ތާވަލްގެ 10 ވަނައިގަ އެެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ރެއާލް ކުޅެފައިވާ ތިން މެޗުން ވެސް އެ ޓީމު މޮޅުވެފައިވާއިރު، ނުވަ ޕޮއިންޓާ އެކު އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗު ފަށާނީ ދަންވަރު ރާއްޖެ ގަޑިން އެކެއް ޖަހާއިރު އެވެ.

- ކޮމެންޓް