ކ. މާލެ
|
3 ޑިސެންބަރ 2024 | އަންގާރަ 22:24
ޔޫއެސް ޑޮލަރު ނޫޓު
ޔޫއެސް ޑޮލަރު ނޫޓު
ގެޓީ އިމޭޖަސް
މޫޑީސް ރޭޓިންގ
ދިވެހި ރާއްޖޭގެ އިގްތިސާދީ ކުރިމަގު ބަނަ ކަމަށް މޫޑީސް އިން ކަނޑައަޅައިފި
ބޮޑެތި އިޞްލާޙުތަކެއް ތަޢާރަފުކުރެވިފައި ވީނަމަވެސް، އެކަމުގެ ނަތީޖާ ހާސިލު ވާނީ އެކަންކަން ތަންފީޒު ކުރެވޭ މިންވަރުގެ މައްޗަށްކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ޕްރެޝަރުތައް ކުޑަކުރުމުގައި އެކަށީގެންވާ ވަގުތުގައި އެކަންކަން ހާސިލު ވެދާނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މާލީ ތަނަވަސްކަން ކުޑަކަމާއެކު، ދިވެހިރާއްޖޭގެ ބޭރުގެ ރިޒާވް އިތުރުކުރުމަށް ދޭދޭ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ފަރާތްތަކުން ފައިސާ ހޯދުމުގައި އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިންގ އޭޖިންސީ މޫޑީސް ރޭޓިންގްސް (މޫޑީސް) އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ އާ ބެހޭ ގޮތުން އާންމު ކުރި ރިޕޯޓުގައި ދިވެހި ސަރުކާރުގެ ދިގު މުއްދަތުގެ ލޯކަލް އަދި ފޮރިން ކަރަންސީ އިޝުއަރ ރޭޓިންގ 'ސީއޭއޭޓޫ" (Caa2) ގައި ދަމަހައްޓައި، "އައުޓްލުކް ނެގެޓިވް" ކަމަށް ކަނޑައަޅައިފިއެވެ.

އަންގާރަ ދުވަހު މޫޑީސް އިން ނެރުނު ރޭޓިންގ ރިޕޯޓުގައި ބުނެފައިވަނީ، މިއީ 11 ސެޕްޓެމްބަރ 2024 ގައި ރާއްޖޭގެ ރޭޓިންގ ޑައުންޑްގްރޭޑް ކުރުމަށް ކުރިއަށް ގެންދިޔަ ރިވިއުގެ އެންމެ ފަހު ނަތީޖާ ކަމުގައެވެ.

މޫޑީސް އިން ރިވިއު ފުރިހަމަ ކުރުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އިންޑިއާއާއެކު ބޮޑު އަދަދެއްގެ ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ޤާއިމުކުރެވިފައިވުމުން އިންޑިއާ އިން ރާއްޖެ އަށް މާލީ އެހީ ފޯރުކޮށް ދިނުމުގެ މަގު ތަނަސްވެފައި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ބޭރު ފައިސާގެ ގަވާއިދުތަކާއި ޓެކްސް އިޞްލާޙުތައް ތަޢާރަފުކުރުމުން ބޭރު ފައިސާގެ ރިޒާވު އިތުރުކުރުމުގެ ފުރުޞަތުތައް ރަނގަޅު ވެދާނެ ކަމަށް ދެކޭ ކަމަށެވެ. މީގެ އިތުރުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ހުރި އިތުރު ރިޒާވުން ބޭރުގެ ދަރަނި އަދާކުރުމަށް އެހީތެރިވެދޭނެ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

"ރިވިއު މުއްދަތު ނިމުނުއިރު، ދިވެހިރާއްޖޭގެ ކްރެޑިޓް ޕްރޮފައިލް ހުރީ Caa2 ރޭޓިންގ އާ އެއްގޮތްވާކަމަށް ދެކެމެވެ." މޫޑީސް އިން ބުނެފައިވެއެވެ.

ރާއްޖޭގެ އިގްތިސާދީ ކުރިމަގާ ބެހޭ ގޮތުން މޫޑީސް އިން ބުނެފައިވަނީ އަދިވެސް ރާއްޖެ އަށް ބޭރު ފައިސާގެ ދަތިކަމުގެ ނުރައްކާ އޮތް މިންވަރު ބޮޑު ކަމުގައެވެ. އެ ގޮތުން ކުރިއަށް އޮތް 12-18 މަސްދުވަހުގެ ތެރޭގައި ބޭރުގެ ބޮޑެތި ދަރަނިތަކެއް އަދާކުރަން ޖެހޭއިރު، ބޭރު ފައިސާގެ ރިޒާވް ހުރީ ވަރަށް ދަށް މިންވަރެއްގައި ކަން ފާހަގަ ކުރެވޭ ކަމަށެވެ. ދަރަނި ބޮޑުވުމާއި ރާއްޖޭގެ އެތެރެއިން ފައިސާ ލިބުމުގައި ދަތިތައް ހުރުމާއެކު ރިޒާވް އަށް އަދިވެސް ޕްރެޝަރު ކުރިމަތިވާނެ ކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ.

ބޮޑެތި އިޞްލާޙުތަކެއް ތަޢާރަފުކުރެވިފައި ވީނަމަވެސް، އެކަމުގެ ނަތީޖާ ހާސިލު ވާނީ އެކަންކަން ތަންފީޒު ކުރެވޭ މިންވަރުގެ މައްޗަށްކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އެހެން ކަމުން ރާއްޖެއަށް ކުރިމަތިވެފައި އޮތް މާލީ ޕްރެޝަރުތައް ކުޑަކުރުމުގައި އެކަށީގެންވާ ވަގުތުގައި އެކަންކަން ހާސިލު ވެދާނެ ކަމުގެ ޔަޤީންކަމެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، މާލީ ތަނަވަސްކަން ކުޑަކަމާއެކު، ދިވެހިރާއްޖޭގެ ބޭރުގެ ރިޒާވް އިތުރުކުރުމަށް ދޭދޭ ގައުމުތަކުންނާއި ބައިނަލް އަގްވާމީ ފަރާތްތަކުން ފައިސާ ހޯދުމުގައި އަދިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މޫޑީސް ރޭޓިންގ ގައި ދިވެހިރާއްޖޭގެ ލޯކަލް ކަރަންސީ ސީލިންގ B2 އަދި ފޮރިން ކަރަންސީ ސީލިންގ Caa1 ގައި ދެމެހެއްޓިފައި ވާއިރު، ލޯކަލް ކަރަންސީ ސީލިންގ އާއި ސޮވްރިން ރޭޓިންގ އާ ދެމެދު ހުރި ތިން ނޮޗުގެ ތަފާތުން ދައްކުވައިދެނީ ފަތުރުވެރިކަން ހިމެނޭގޮތަށް، އިޤްތިޞާދުގެ މުހިންމު ދާއިރާތަކުގައި، ސަރުކާރުގެ ދައުރު ނިސްބަތުން ކުޑަ ކަން ކަމަށާއި އެއާއެކު މުއައްސަސާ ތަކުގެ ބަލިކަށި ކަމާއި، ސިޔާސަތުތަކުގެ ހަރުދަނާކަން ކުޑަކަމާއި، އަދި ރާއްޖެއަށް އިމްޕޯޓުކުރާ މުދަލަށް ބަރޯސާވުމުގެ ސަބަބުން ބޭރު ފައިސާ އަށް ބަރޯސާވާ މިންވަރު ބޮޑު ކަން ފާހަގަ ކުރެވޭ ކަމަށްވެސް ބުނެފައިވެއެވެ.

ފޮރިން ކަރަންސީ ސީލިންގ އާއި ލޯކަލް ކަރަންސީ ސީލިންގ އާ ދެމެދު ހުރި ދެ ނޮޗުގެ ތަފާތުން ފާހަގަކޮށްދެނީ ބޭރުގެ ފައިސާގެ ދަތިކަން ދިމާވާ ދުވަސްވަރު ފައިސާ މާރު ކުރުމުގައި ކުރިމަތި ވެދާނެ ގޮންޖެހުންތައް އޮތް ކަމާއި، ޚާއްޞަކޮށް ޑޮލަރު ރޭޓު އެއް ވަރެއްގައި ހިފެހެއްޓުމަށް ރިޒާވު ފުދޭވަރަށް ދަމަހައްޓަން ކަށަވަރުކުރަން ޖެހޭ ކަމެވެ.

ރޭޓިންގ Caa2 ގައި ދެމެހެއްޓުމުގެ ސަބަބު

މޫޑީސް އިން ބުނީ ދިވެހިރާއްޖޭގެ ރޭޓިންގތައް ޑައުންގްރޭޑް ކުރުމަށް ދިރާސާ ކުރަން ފަށަން ޖެހުނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ދަށަށް ދިއުމާއެކު ބޭރު ފައިސާގެ ރިޒާވް އިތުރުކުރުމަށް ބޭރުގެ ފައިނޭންސިންގ ހޯދުމުގެ ފުރުޞަތުތައް ވަޒަންކުރުމަށް ކަމަށެވެ. އޭގެ ބޭނުމަކީ ވަގުތު އޮއްވައި ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އިޞްލާޙުތައް ގެނެސް ކުރިމަގުގައި ރާއްޖެ ދަރަނިވެރިވިޔަ ނުދިނުމަށް ކަމަށެވެ.

މޫޑީސް އިން ފާހަގަ ކުރާ ގޮތުގައި، ފާއިތުވި މަސްތަކުގައި، ދިވެހިރާއްޖެ އަށް ވަނީ ބޭރުގެ ފައިނޭންސިންގ ހޯދުމުގައި ކޮންމެވެސް ވަރަކަށް ކާމިޔާބު ލިބިފައެވެ. ސެޕްޓެމްބަރ 2024 ގައި، ދިވެހިރާއްޖެއަށް ވަނީ އިންޑިއާއާއެކު ބޮޑު އަދަދެއްގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއް ހަދާފައި ކަމަށާއި، މީގެ ތެރޭގައި 400 މިލިއަން އެމެރިކާ ޑޮލަރާއި 30 ބިލިއަން އިންޑިއާ ރުފިޔާ ހިމެނޭ ކަމަށް ވަނީ ބުނެފައެވެ. ޑޮލަރު ފެސިލިޓީގެ ސަބަބުން ބޭރު ފައިސާގެ ރިޒާވް އޮކްޓޯބަރުގައި 607 މިލިއަން ޑޮލަރަށް އިތުރުވެ، ގާތްގަނޑަކަށް 2.2 މަހުގެ އިމްޕޯޓު ކަވަރުކުރެވޭ މިންވަރަށް އަރައި، އޭގެ އެއް މަސް ކުރިން 364 މިލިއަން ޑޮލަރުގެ މިންވަރަކަށް ރިޒާވް ވެއްޓުނު ފަހުން ރިޒާވް އަނބުރާ އިޔާދަވެފައިވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން 14 ނޮވެމްބަރުގެ ނިޔަލަށް ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ގައި ގާތްގަނޑަކަށް 220 މިލިއަން ޑޮލަރު ހުރުމާއެކު، ބޭރު ފައިސާގެ ވަސީލަތްތައް އިތުރުވުމުން ކުރު މުއްދަތުގައި ބޭރުގެ ފައިސާގެ ދަތިކަން ލުއިވެގެންދާނެ ކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ސަރުކާރުން ވަނީ ޑޮލަރުގެ ދައުރުވުން އިތުރު ކުރުމަށް، ފިޔަވަޅުތަކެއް އަޅާފައި ކަމަށާއި، މީގެ ތެރެއިން އެންމެ މުހިންމު އަދި ޑޮލަރުގެ ދައުރުވުމަށް މާއްދީ އަސަރެއް ކުރާނެ ކަމަށް ބެލެވޭ ފިޔަވަޅަކީ ޓޫރިޒަމް އޮޕަރޭޓަރުންނަށް ލާޒިމުކުރާ އައު ބޭރު ފައިސާ މާރު ކުރުމުގެ ގަވާއިދު ކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެއަރޕޯޓް ޓެކްސްތަކާއި ފީތައް ޑޮލަރުން ނަގާ އަދަދު ބޮޑުތަނުން އިތުރުކުރެވިފައިވާ ކަމަށާއި، ޓޫރިޒަމް ގުޑްސް އެންޑް ސަރވިސަސް ޓެކްސްވެސް ޖޫން 2025 ގައި އިތުރު އެއް ޕަސެންޓޭޖް ޕޮއިންޓް އިތުރުކުރުމަށް ހަމަޖެހިފައިވާކަން ފާހަގަ ކޮށްފައިވެއެވެ. މި ފިޔަވަޅުތަކުގެ ތެރެއިން ބައެއް މިހާރުވެސް ވަނީ ތަންފީޒުކުރަން ފަށާފައި ކަމަށާއި، އަދި 2025 ގެ ތެރޭގައި މި ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރެވުމުން ބޭރުގެ ރިޒާވް އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް މޫޑީސް އިން ބުނެފައިވެއެވެ.

ނަމަވެސް، ކުރިއަށް އޮތް 12-18 މަސް ދުވަހުގެ ތެރޭގައި ބޭރުގެ ބޮޑެތި ދަރަނިތައް އަދާކުރަން ޖެހޭތީ، ބޭރުގެ ފައިސާގެ ދަތިކަމުގެ ޕްރެޝަރު އަދިވެސް މަތީ ދަރަޖައެއްގައި ދެމިހުންނާނެ ކަމަށް މޫޑީސް އިން ދެކެއެވެ. ސަރުކާރުގެ ބޭރުގެ ދަރަނި އަދާކުރުމަށް 2025 ގައި 600-700 މިލިއަން ޑޮލަރު އަދި 2026 ގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. މީގެ ތެރޭގައި އޭޕްރީލް 2026 ގައި މުއްދަތު ހަމަވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ހިމެނެއެވެ.

ނެގެޓިވް އައުޓްލުކް ދެމެހެއްޓުމުގެ ސަބަބު

އިންޑިއާ އިން ދިން މާލީ އެހީތެރި ކަމުގެ ސަބަބުން ކުރު މުއްދަތުގައި ލުޔެއް ލިބުނު ނަމަވެސް، ފުރިހަމަ ފައިނޭންސިންގ ޕެކޭޖެއް ނެތުމުން އަދިވެސް ރާއްޖޭގެ ރޭޓިން ދަށަށް ދިއުމުގެ ނުރައްކާތައް އޮތް ކަމަށް މޫޑީސް އިން ވަނީ ބުނެފައެވެ. ކުރިއަށް އޮތް 1-2 އަހަރުގެ ތެރޭގައި ދަރަނި އެކަށީގެންވާ ބޮޑު މިންވަރެއްގައި ދެމިހުންނާނެ ކަމަށް ބެލެވޭތީ ބޭރު ފައިސާ އަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ދެމި އޮންނާނެ ކަމަށް ބެލެވޭ އިރު، ރާއްޖެ އަށް އެކަށީގެންވާ މިންވަރަށް ބޭރު ފައިސާ ލިބެން ނެތް ހާލަތުގައި، މިހާރުވެސް މަދުން ހުރި ބޭރު ފައިސާގެ ވަސީލަތްތައް އިތުރަށް ދަށަށްދާނެ ކަމަށް މޫޑީސް އިން ބުނެއެވެ.

އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅިފައިވީ ނަމަވެސް، އެންމެ ފަހުން ހުށަހެޅުނު 2025 ވަނަ އަހަރުގެ ބަޖެޓުގައި މެދު ރާސްތާގެ ޚަރަދުތައް އަދިވެސް މަތީ މިންވަރެއްގައި ހުރިކަން ވަނީ ފާހަގަ ކޮށްފައެވެ. މޫޑީސް އިން ބުނާ ގޮތުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްތަކުގެ ކެޕިޓަލް ޚަރަދު އަދިވެސް ދަނީ އިތުރުވަމުންނެވެ. އެއާ އެކު، ކެޕިޓަލް އިމްޕޯޓްތައް މަތީ މިންވަރެއްގައި ދެމިހުންނާނެކަމާއި، އޭގެ ސަބަބުން ކަރަންޓް އެކައުންޓް ޑެފިސިޓް ބޮޑުވެގެންދާނެ ކަމަށް ވަނީ ބުނެފައެވެ. މޫޑީސް އިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ޑެފިސިޓް ޖީޑީޕީގެ 13-15% ގެ މަތީ މިންވަރެއްގައި ދެމިހުންނާނެއެވެ.

- ކޮމެންޓް