ސްޓޭޓު ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އިސްތިއުފާ ދެއްވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިމާދު އިސްތިއުފާ ދެއްވާފައި މިވަނީ ރައީސް އޮފީހުން އެފްއެސްއެމްގެ ބޯޑު ބަދަލުކުރަން އެންގުމާ ގުޅިގެން އެކަމާ އެއްބަސް ނުވެ އުފެދުނު ދެބަސްވުންތަކެއްގައެވެ.
ރައީސް އޮފީހުން އެފްއެސްއެމްގެ ބޯޑު ބަދަލުކުރަން އެންގުމާ ގުޅިގެން ޝިމާދު ވިދާޅުވި ކަމަށް މައުލޫމާތު ލިބިފައިވަނީ "ބޯޑު އުވާލަން ރައީސް އޮފީހަށް ނޭންގޭނެ" ކަމަށެވެ. މިކަމާ ގުޅިގެން ޝިމާދުގެ ބަހެއް ހޯދަން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އަދި ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޑު އުވާލަން އުޅެނީ އެފްއެސްއެމްގެ ވަގު ތެލުގެ ތަހުގީގަށް ސަރުކާރުން ނުފޫޒް ފޯރުވަމަށެވެ. އެކަމުގައި ސަރުކާރަށް ނިސްބަތްވާ ނުފޫޒްގަދަ މެމްބަރަކު ހިމެނޭތީ އެކަން ކަވަރ ކުރުމަށް ސަރުކާރުން ނުފޫޒް ފޯރުވަން މަސައްކަތް ކުރަންކަމަށް ބޯޑުގައި ހިމެނޭ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދީފައިވެއެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި މީޑިއާގެ ފަލަސުރުޚީން ޖާގަ ހޯދި އެއް ޚަބަރަކީ ފިއުލްސަޕްލައި މޯލްޑިވްސްގެ ކޮރަޕްޝަނުގެ ވާހަކައެވެ. އެގޮތުން އެފްއެސްއެމްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ސުހައިލް އަޑީގައި ހުންނަވައިގެން އެކުންފުނީގެ ތެޔޮބޯޓުތަކުން ނުއަގުގައި ތެޔޮ ވިއްކަވައިގެން ކަރަޕްޝަން ހިންގަވާ ކަމުގެ ތުހުމަތު ކުރެވުނެެވެ.
ތެޔޮ ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވާ ތެޔޮ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް އެމްޑީއަށް ދޭން އަންގާފައި އޮންނަ ކަމަށްވެއެވެ. އެގޮތުން ހަފްތާއަކު، ހަތަރު ލައްކަ ރުފިޔާ އާއި ފަސްލައްކަ ރުފިޔާ އާ ދެމެދުގެ އަދަދެއް ތެޔޮ ވިއްކައިގެން ނަގާ ކަމަށާއި، އޭގެ ތެރެއިން މަދުވެގެން ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ކޮންމެ ދުވަހަކުވެސް އެމްޑީގެ ފަރާތުން އަންނަ ދެމީހަކަށް ހަވާލުކުރާ ކަމަށް ވެއެވެ.
އޭރު މައުލޫމާތު ލިބުނު ގޮތުގައި މި މައްސަލަތައް ފެންމަތިވެ ކުންފުނީގެ ބޯޑުން މި މައްސަލަ ބަލަންފެށިއެވެ. ނަމަވެސް މި މައްސަލަ ފަހުން ހުއްޓިފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
އިތުރު ތަފްސީލު އަންނަނީ...