އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް ޑރ މުހައްމަދު މުއިއްޒަށް ފައިސާ ފޮނުވަން ހުރި ކުންފުންޏެއް ނޫން ކަމަށާއި އެއީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރި ރައްޔިތުންގެ ވިޔަފާރި ކުންފުންޏެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އޮތް ޕީއެންއެފް ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި ޑޮކްޓަރީ ބޭސް ނުލިބޭކަމުގެ ޝަކުވާތައް ބޮޑުވެފައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފަ އެވެ. ޚާއްސަކޮށް ދާއިމީ ބޮޑެތި ބަލިތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަ ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުވެފަ އެވެ.
ބޭސް ނުލިބޭ މައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް އޮތް އިރު، މައްސަލަ ހައްލުކުރާނެ ކަމަށް ބުނެ ރައީސް މުއިއްޒުގެ މި ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މައްސަލައަށް އަދިވެސް އެކަށިގެންވާ ހައްލެއް ގެނެވިފައެއް ނުވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭސް އެސްޓީއޯ ފާމަސީން ނުލިބޭ މައްސަލައިގައި ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ އާންމުކޮށް މީހުން ކައިނޫޅޭ އަދި މަދުން ނޫނީ ނުފެންނަ ބާވަތުގެ ބަލިތަކުގެ ފަރުވާއަށް ބޭނުންވާ ބޭސް ގެނައުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.
އެގޮތުން ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން އެކަން ނުކުރަނީ ކީއްވެތޯ ސުވާލު އުފައްދަވަމުން ޔާމީން ވިދާޅުވީ ވަރަށް މަދުން ނޫނީ ނުފެންނަ ބަލިބައްޔަށް ހުންނަ ޚާއްސަ ބޭސްތައް އެސްޓީއޯއިން ކޮންމެހެން ވެސް ގެންނަށް ޖެހޭނޭ ކަމަށެވެ.
އަދި އެ ފަދަ ބޭސް އެސްޓީއޯ އިން ގެނައުމުގައި އިޖުތިމާއީ ޒިންމާ އަދާކުރުމަށް ވެސް އެސްޓީއޯގެ އެމްޑީއަށް ރރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފައި އެވެ.
އަޅުގަނޑު އެސްޓީއޯގެ އެމްޑީއަށް މިހާރު ވެސް އިލްތިމާސްކުރަން މި ކަހަލަ ރެއާ، މި ކަހަލަ ވަރަށް މަދުން ނޫނީ ނުފެންނަ ބަލިބައްޔަށް ހުންނަ ޚާއްސަ ބޭސްތައް އެސްޓީއޯއިން އެބަޖެހޭ އެ މީހުންގެ އިޖުތިމާއީ ޒިންމާއެއް އުފުލަން
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
ޔާމީން ވިދާޅުވީ ރައްޔިތުންގެ ވިޔަފާރި ކުންފުނި އެސްޓީއޯ އަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ކުންފުންޏެއް ނޫން ކަމަށާއި އެއީ ރައްޔިތުންގެ ވިޔަފާރި ކުންފުންޏެއް ކަމަށެވެ.
އެހެން ކަމުން ރައްޔިތުންގެ ވިޔަފާރި ކުންފުނިން ރައްޔިތުންނަށް ބޭނުންވާ ބޭސް ގެނައުން ފަދަ އިޖުތިމާއީ ކަންތައްތައް ކޮށްދޭން ޖެހޭނޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސް ނުލިބިގެން އުޅޭ އިރުގައި ވެސް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން އަދިވެސް ތަންތާނގައި ބިންގާ އަޅުއްވަނީ ކަމަށެވެ. އަދި އެއީ ޕްރިއާރިޓީސް ސެޓްކުރަން ނޭނގޭތީ ވާ ކަމެއް ކަމަށާއި ރައްޔިތުންގެ އެންމެ ޒަރޫރީ އެއް ކަމަކީ ބޭސްކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބޭސް ނުލިބުން ފަދަ އެންމެ ޒަރޫރީ ކަންކަން ހައްލުކުރެއްވުމުގެ ބަދަލުގައި އެކިއެކި މަޝްރޫއުތަކުގެ ބިންގާ އަޅުއްވައި ބިން ހިއްކުން ފަދަ ކަންކަން ކުރައްވަނީ އެއްވެސް ވަރަކަށް ރައްޔިތުންނާ މެދު ކުލުމެއް ނެތީމާ ކަމަށެވެ. އަދި އާންމު މީހުންނާ މެދު އެއްވެސް ކުލުނެއް ހުރި ނަމަ މިހެން ކަންތައް ނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބޭސް ނުލިބޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މި ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ ބޭސްނުލިބޭތީ އެމީހުންގެ ކަންބޮޑުވުން ތައް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.