އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް ކުރިއެރުމެއް ހޯދަން އުނދަގޫ ވެއްޖެ އެވެ.
ލިވަޕޫލްގެ އަމިއްލަ ދަނޑު އެންފީލްޑުގައި ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސަންޑަލޭންޑް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ސަންޑަލޭންޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 67 ވަނަ މިނެޓުގައި އެ ލަނޑު ސަންޑަލޭންޑް އަށް ޖަހައިދިނީ ކެމްސްޓީން ޓަލްބީ އެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ލިވަޕޫލް އަށް ނަތީޖާ ހަމަހަމަވީ ސަންޑަލޭންޑުގެ ނޯޑީ މުކްޔޭލް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ލިވަޕޫލްގެ ފްލޯރިއަން ވާޓްޒް ފޮނުވާލި ބޯޅައެއް އޭނާގެ ގައިގައި ޖެހި ގޯލަށް ވަތް ލަނޑެކެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނީ، އެ މެޗުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ކުރީ މެޗު ތަކުގައި ފެނުން ކަހަލަ ކުޅުމެއް ކަމަށެވެ. އެގޮތުން މާ ގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރެވިފައި ނެތް ކަމަށް ސްލޮޓް ފާހަގަ ކުރި އެވެ.
މީގެ އިތުރުން ސްލޮޓް ބުނީ މެޗުން މޮޅުވުމަށް ލިވަޕޫލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށެވެ. އެއާ އެކު، މެޗުން މޮޅުވާން ސަންޑަލޭންޑް އަށް ވެސް ފުރުސަތު ލިބުނު ކަމަށް ފާހަގަކޮށް އޭނާ ބުނީ، ލިވަޕޫލްގެ ނަސީބު ދެރައީ ކަމަަށެވެ. އޭނާ ބުނީ މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލް އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ކަމަށާއި، ލަނޑު ޖަހަން ފުރުސަތު ހޯދިފައި ނެތް ކަމަށެވެ.
ސަންޑަލޭންޑް އަތުން ލިވަޕޫލް އެއްވަރުވެފައިވާއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަ މެޗުން ލިވަޕޫލް ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލިވަޕޫލްގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ސްލޮޓް އަށް އަންނަނީ ފާޑު ކިޔުން ވެސް އަމާޒު ވަމުންނެވެ.
މެޗު އެއްވަރުވެ ލިވަޕޫލް އޮތީ ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ލީގުގައި ކުޅެފައިވާ 14 މެޗުން 22 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ލިވަޕޫލް ވަނީ ހަ މެޗަކުން ބަލިވެފަ އެވެ.