ދިވެހިރާއްޖެ އާއި ސްރީލަންކާ އިން ޑަބަލް ޓެކްސް ނެގުމާއި ފިސްކަލޭޝަން ހުއްޓުވުމާ ބެހޭ އެއްބަސްވުމާ ގުޅޭ ދެވަނަ މަޝްވަރާ ބައްދަލުވުންތައް ބާއްވާ ނިމިފައިވާ ކަމަށް ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާދަމް މަޒްރަވީ ޖައުފަރު ޞާދިޤު ވިދާޅުވެއްޖެއެވެ.
ލަންކާގެ 75 ވަނަ މިނިވަން ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ސަފީރު ވިދާޅުވީ ޑަބަލް ޓެކްސް ނެގުމާއި ފިސްކަލޭޝަން ހުއްޓުވުމާ ބެހޭ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާތައް އަވަސް ކުރުމުގެ މަސައްކަތް ދެ ޤައުމުން ވެސް ފަށާފައިވާ ކަމަށެވެ. އަދި އެއްބަސްވުމުގެ ލިޔުންތައް ފައިނަލް ކުރުމަށް ދެ ޤައުމުން ވެސް މިދިޔަ މަހު ދެވަނަ ބުރުގެ މަޝްވަރާތައް ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
ޞާދިޤު އިތުރަށް ވިދާޅުވީ ރާއްޖެ އާއި ލަންކާގެ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެ އެއްބަސްވުމާ ގުޅޭގޮތުން ވެސް ރާއްޖެއާއެކު މަޝްވަރާތައް ބޭއްވުމަށް އެ ޤައުމުން ޝައުޤުވެރިވާ ކަމަށެވެ. މީގެއިތުރުން ފުރިހަމަ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ވިޔަފާރީއާ ފަތުރުވެރިކަމާއި ސިއްހީ ދާއިރާއިން އަދިވެސް ގުޅުން އިތުރަށް ބަދަހި ކުރެވިދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެ ޤައުމުގެ ގުޅުމަކީ ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވާ ލަންކާ ސަފީރު ވިދާޅުވީ ގުޅުން އިތުރަށް ބަދަހިވެގެންދަނީ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ސަބަބުން ކަމަށެވެ.
ލަންކާގެ ހާލަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ސަފީރު ވިދާޅުވީ އިޤްތިސާދީ ހާލަތުން މަޑުމަޑުން ލަންކާ އަރައިގަންނަމުންދާ ކަމަށެވެ. އަދި ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ލަންކާއިން މުދާ ބޭރުކުރާ މިންވަރު އިތުރު ކަމަށެވެ.