ސައުތު އޭޝިއާ ގައުމުތަކުގެ ތެރެއިން ކުލި ނުހިމަނައި ދިރިއުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ދިވެހިރާއްޖެކަމަށް ދައްކައިފިއެވެ.
ބަންގުލަދޭޝްގެ ނޫހެއްކަމަށްވާ "ފިންޓެކް ނިއުސް" އިން އެއްކުރި މި މައުލޫމާތަކީ އޮކްޓޫބަރު މަހާ ހަމައަށް އެއްކޮށްފައިވާ މައުލޫމާތެވެ. އެގޮތުން ގެދޮރަށް ނުވަތަ އުޅޭ ފުލެޓަށް ދައްކަންޖެހޭ ކުލި ނުހިމަނާ މި އަދަދުތައް ހާމަކޮށްފައިވާ އިރު އެންމެ ކުރީގައި އެންމެ ޚަރަދު ބޮޑު ގައުމެއްގެ ގޮތުގައި އޮތީ ރާއްޖެއެވެ. ދެން ލަންކާ އަދި ބޫޓާނެވެ.
މި އަދަދުތައް ދައްކާގޮތުން ކުލި ނުހިމަނައި ބޮލަކަށް މަހެއްގެ މައްޗަށް ދިރިއުޅުމުގެ ހަރަދުގެ ގޮތުގައި ރާއްޖޭގައި ހޭދަން ކުރަން ޖެހިފައި ވަނީ 12،952.8 ރުފިޔާއެވެ.
ނަމަވެސް މި އަދަދުތަކަށް ބަލާއިރު މިއީ އާންމު ގޮތެއްގައި ސިވިލް ސަރވިސްގެ އެންމެ މަތީ ފަންތި ނުހިމަނާ މުވައްޒަފަކަށް އެންމެ ގިނައިން ލިބޭ އަދަދެވެ. ގާތްގަނޑަކަށް 13،000 ރުފިޔާ މަހެއްގެ މައްޗަށް އާންމު މީހަކު ހޭދަކުރަންޖެހޭ އިރު މިނިމަމްވޭޖުގެ ގޮތުގައި ސިވިލް ސަރވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުން ދެނީ 7000 ރުފިޔާއެވެ. ކުދި ވިޔަފާރިތަކުގެ މިނިމަމްވޭޖަކީ 4500 ރުފިޔާ އަދި ބޮޑެތި ވިޔަފާރިތަކުގެ މިނިމަމްވޭޖަކީ 8000 ރުފިޔާއެވެ.