ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ދެ މަސް ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރި ވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި ބޯޓުތައް ހިފަހައްޓާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.
އެގޮތުން މި ބޯޓުތައް ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ. ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް ހަރަކާތްތެރި ވަމުން ދިޔައީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށެވެ.