ކ. މާލެ
|
16 ޖޫން 2022 | ބުރާސްފަތި 07:08
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ރިޝްމީ އާމިރު
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ރިޝްމީ އާމިރު
ރާއްޖެއެމްވީ
ކުދިން ފޯސްޓަރ ކުރުން
ކުއްޖަކު ފޯސްޓަރ ކުރުމުގެ ކުރިން ބެލެނިވެރިންނާއި ގުޅޭ މައުލޫމާތު ވަރަށް ރަނގަޅަށް ބަލާނެ: ސީއެފްޕީއެސް
ކުއްޖަކު ފޯސްޓަރ ކުރުމުގެ ކުރިން ދިގު ޕްރޮސެސްއެއް ކުރިއަށްގެންދާނެ
މި މަސައްކަތްތައް ކުރިއަށްގެންދާނީ ޚާއްސަ ކޮމިޓީއަކުން
މަސައްކަތްތަކަށް 3 މަސް ވަރު ހޭދަވާނެ

ދައުލަތުން ބަލަހައްޓާ ކުއްޖަކު ފޯސްޓަރ ކުރާއިރު ނުވަތަ ފޯސްޓަރ ހޯމްއަކަށް ދޫކޮށްލާއިރު އެބައެއްގެ ވަނަވަރު ވަރަށް ރަނގަޅަށް ބަލާނެ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް ރިޝްމީ އާމިރު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޯސްޓަރ ކުރުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރިޝްމީ ވިދާޅުވީ އާއިލާއަކާ ކުއްޖާ ހަވާލުކުރުމުގެ ކުރިން ގިނަ މަރުހަލާތަކެއް ކުރިއަށްދާކަމަށެވެ.

ފޯމު ހުށަހަޅާ ހިސާބުން އެ ފޯމެއް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށާއި، މި މަރުހަލާގައި އެ ފަރާތަކީ ކުއްޖަކު ފޯސްޓަރ ކުރުމަށް ޝަރުތު ހަމަވާ ފަރާތެއްތޯ ބަލާނެ ކަމަށް ރިޝްމީ ވިދާޅުވިއެވެ. ޝަރުތު ހަމަވާނަމަ އެ ފަރާތެއްގެ އެސެސްމެންޓެއް ހެދިގެންދާނެ ކަމަށާއި، މި އެސެސްމެންޓު ހެދުމަށް މުޖުތަމައުގައި ހުރި އެހެން މުއައްސަސާތަކުންވެސް މައުލޫމާތު އެއްކުރާ ކަމަށް ރިޝްމީ ވިދާޅުވިއެވެ. މި އެސެސްމެންޓު ފުރިހަމަކުރަނީ ވަށައިގެން ހުރި މާހައުލުން ލިބެން ހުރި ހުރިހާ މައުލޫމާތެއް އެއްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެސެސްމެންޓު ހަދާއިރު ބަލާނެ އެ ދެމަފިރިންގެ އެބަ ހުރިތޯ ކުއްޖަކު ބެލެހެއްޓުމުގެ ހުނަރުތައް ނޫނީ ކޮބައިތޯ އެބޭފުޅުންގެ ޕްލޭންތަކަކީ ކުއްޖާ ފޯސްޓަރ ކުރުމަށްފަހު ކިހިނެއްތޯ ބަލަހައްޓާނީ، ކޮންތާކުތޯ ބަލަހައްޓާނީ، ކޮބައިތޯ އާއިލީ އެހެން މީހުންނާ އެފަރާތްތަކާ އޮތް ގުޅުންތަކަކީ، ކިހިނެއްތޯ ކޮމިއުނިޓީ ތެރޭގައި އެމީހުން ދިރިއުޅެމުންދަނީ.
ރިޝްމީ އާމިރު

އެސެސްމެންޓު ފުރިހަމަކުރުމަށްފަހު އެމަސައްކަތް ހަވާލުކުރެވޭނީ މި މަސައްކަތަށް އެކުލަވާލާފައިވާ ރީއިންޓެގްރޭޝަން ކޮމިޓީއަށް ކަމަށް ރިޝްމީ ވިދާޅުވިއެވެ. މި ކޮމިޓީގައި ކުޑަކުދިންގެ ކަންކަމުގައި އާންމުގޮތެއްގައި ހަރަކާތްތެރިވާ އިދާރާތަކުން ބޭފުޅުން ހިމެނިވަޑައިގަންވަނާނެ ކަމަށް ރިޝްމީ ވިދާޅުވިއެވެ.

ރީއިންޓެގްރޭޝަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް ސާފުކުރަން ބޭނުން ކަމެއް ހުރިނަމަ އެކަމެއްވެސް ބެލުމަށްފަހު، އެފަރާތެއްގެ އިންޓަރވިއުއަކަށް އެދޭނެއެވެ. އެ އިންޓަރވިއުއަށްފަހު އެއީ ފޯސްޓަރ ކުރުމަށް އެންމެ ރަނގަޅު ފަރާތެއްތޯ ކަނޑައަޅާނެ ކަމަށް ރިޝްމީ ވިދާޅުވިއެވެ. އަދި އެއަށްފަހު ކޯޓު މަރުހަލާއެއްވެސް ކުރިއަށްދާނެއެވެ.

މި ހުރިހާ މަސައްކަތަކަށް ގާތްގަނޑަކަށް 3 މަސް ވަރު ނަގާނެ ކަމަށް ރިޝްމީ ވިދާޅުވިއެވެ.

- ކޮމެންޓް