ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 11:32
ބ. އޭދަފުށި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންތަކެއް ނާއިބު ރައީސާއެކު
ބ. އޭދަފުށި ފިޔަވަތީގައި ބަލަހައްޓަމުންދާ ކުދިންތަކެއް ނާއިބު ރައީސާއެކު
ރައީސް އޮފީސް
ކުދިން ފޮސްޓަރ ކުރުން
"މުޖުތަމައުއެއް ބިނާކުރުމަށް ކޮންމެ ކުއްޖަކަށްވެސް އާއިލާގެ ލޯބި ވަރަށް މުހިންމު"
ފިޔަވަތީގައި ތިބޭ ކުދިންނަކީ އާއިލާގެ ލޯބިން މަހުރޫމްވެފައިވާ ކުދިން
އެކުދިންނަށް އާއިލާގެ ލޯބި ލިބެންޖެހޭ

ރަނގަޅު މުޖުތަމައެއް ބިނާކުރަން ކޮންމެ ކުއްޖަކަށްވެސް އާއިލާއެއްގެ ލޯބި ލިބުން ވަރަށް މުހިންމު ކަމަށް ފިޔަވަތީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޒީނާ ގާސިމް ވިދާޅުވެއްޖެއެވެ.

ޒީނާ ވަނީ މުޖުތަމައެއް ބިނާކުރުމަށްޓަކާ އާއިލާއަކުން އަދާކުރާ މުހިންމު ރޯލުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އާއިލާތަކުން އެހާ މުހިންމު ރޯލެއް އަދާކުރިނަމަވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަކީ އާއިލާގެ ލޯބިން މަހުރޫމުވެފައިވާ ކުދިން ކަމުގައި ޒީނާ ވިދާޅުވިއެވެ.

އެހެން ކުދިންނެކޭ އެއްފަދައިން ފިޔަވަތީގައި އުޅޭ ކުދިންނަކީވެސް އެކުދިންނަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފުރިހަމަވެފައިވާ ކުދިންނެވެ. އެހެންނަމަވެސް އެކުދިންނަކީ އާއިލާއެއްގެ ތެރެއިން ކުދިންނަށް ލިބެންޖެހެ ލޯބި ލިބިގެން ހެދިބޮޑުވާ ކުދިންނެއް ނޫން ކަމަށް ޒީނާ ވިދާޅުވިއެވެ. އަދި އެކުދިންނަށް އުނިވާ ހަމައެކަނި އެއްޗަކީވެސް އެއީ ކަން ޒީނާ ފާހަގަކުރެއްވިއެވެ.

ޒީނާ ވިދާޅުވީ އާއިލީ ވެއްޓެއްގެ ތެރޭގައި އެކުދިން ބޮޑުވުމަކީ އެކުދިންގެ ހެދި ބޮޑުވުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް އާއިލާއެއްގެ ތެރޭގައި ހެދި ބޮޑުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުދިން ފޮސްޓަރ ކުރުމަށް ހުޅުވާލާފައިވާއިރު، ކުއްޖަކު އާއިލާއަކާ ހަވާލުކުރުމުގެ ކުރިން ދައުލަތުން ބަލާ ވަރަށް ގިނަ ކަންކަން ހުރެއެވެ. މިގޮތުން ފޯމު ހުށަހަޅާ ހިސާބުން އެ ފޯމެއް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މި މަރުހަލާގައި އެ ފަރާތަކީ ކުއްޖަކު ފޯސްޓަރ ކުރުމަށް ޝަރުތު ހަމަވާ ފަރާތެއްތޯ ބަލާނެއެވެ. ޝަރުތު ހަމަވާނަމަ އެ ފަރާތެއްގެ އެސެސްމެންޓެއް ހެދިގެންދާއިރު، މި އެސެސްމެންޓު ހެދުމަށް މުޖުތަމައުގައި ހުރި އެހެން މުއައްސަސާތަކުންވެސް މައުލޫމާތު އެއްކުރެއެވެ. މި އެސެސްމެންޓު ފުރިހަމަކުރަނީ ވަށައިގެން ހުރި މާހައުލުން ލިބެން ހުރި ހުރިހާ މައުލޫމާތެއް އެއްކޮށްގެންނެއެވެ.

އެސެސްމެންޓު ފުރިހަމަކުރުމަށްފަހު އެމަސައްކަތް ހަވާލުކުރަނީ، މި މަސައްކަތަށް އެކުލަވާލާފައިވާ ރީއިންޓެގްރޭޝަން ކޮމިޓީއަށެވެ. މި ކޮމިޓީގައި ކުޑަކުދިންގެ ކަންކަމުގައި އާންމުގޮތެއްގައި ހަރަކާތްތެރިވާ އިދާރާތަކުން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ރީއިންޓެގްރޭޝަން ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އިތުރަށް ސާފުކުރަން ބޭނުން ކަމެއް ހުރިނަމަ އެކަމެއްވެސް ބެލުމަށްފަހު، އެފަރާތެއްގެ އިންޓަރވިއުއަކަށް އެދޭނެއެވެ. އެ އިންޓަރވިއުއަށްފަހު އެއީ ފޯސްޓަރ ކުރުމަށް އެންމެ ރަނގަޅު ފަރާތެއްތޯ ކަނޑައަޅާނެ އެވެ. އަދި އެއަށްފަހު ކޯޓު މަރުހަލާއެއްވެސް ކުރިއަށްދާނެއެވެ. މި ހުރިހާ މަސައްކަތަކަށް ގާތްގަނޑަކަށް 3 މަސް ވަރު ނަގައެވެ.

- ކޮމެންޓް