އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްދަވަނީ އިތުރުފުޅު ކަމަށާއި، މިސަރުކާރާއި ފެޔަށް ޖެހިވަޑައިގެންނެވީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސިޔާސީ މަގާމުތައް އަތުރާނުލެވުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔައުގޫބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭގޮތުން ޔާމީން ވަރަށް ގިނަ ވާހަކަތައް ދައްކަވާ ކަމަށާއި، އެހިޔާނާތް ހިންގާފައިވާއިރު، އެކަން އެނގިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އެއީ ޔާމީން ހައްދަވާ އިތުރުފުޅެއް ކަމަށާއި، އެ ހިޔާނާތް ހިނގަމުންދިޔައިރު، އެކަން އޭރުގެ އޮޑިޓަރ ޖެނަރަލް ޔާމީންގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. ނަމަވެސް ނަތީޖާއެއް ގޮތުން ހިޔާނާތް ހުއްޓުވުމަށް ފިޔަަވަޅު އެޅުއްވުމުގެ ބަދަލުގައި، އޮޑިޓަރ ޖެނަރަލް ނިޔާޒު އިބްރާހިމް މަގާމުން ވަކިކުރެއްވީ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ޔައުގޫބް ވިދާޅުވީ އެ ހިޔާނާތް ހިންގާފައިވަނީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކަމަށާއި، މިއަދު އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެކަން ގަބޫލުކުރާނެ ރައްޔިތެއް ނުހުންނާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި މިސާލަކަށް ދައުލަތުގެ ފަޅުތަކާއި ރަށްތަކާއި ތަންތަން ވިއްކާގެން ލިބުނު ލާރި ނުލިބޭކަން ވެސް އެނގުނީ ބަޖެޓުގެ ފޮތް ފޮނުވިއިރު އެނގުނީ އެ އެއްޗެހިތައް ނެތިގެން ނޫނީ މާ މަދުން ހުރެގެންނޭ. އެކަމަކު ވެސް އެއީ ކަނޑައެޅިގެން ދޮގެއް. ރައީސް ޔާމީން ވެސް ހީފުޅުކޮށްގެން ނުވާނެ މިރާއްޖޭގެ ރައްޔިތުންނަކީ އެހާ އަވަހަށް ހަނދާންނެތޭނެ ބައެކޭ. ނޫނީ މޮޔާންނޭ. އެގޮތަށް ގަބޫލުކުފުޅު ކުރައްވައިގެން ނުވާނެ. މިސާލަކަށް ބައްލަވާ. ރިކޯޑިންތައް އެބަހުރި. އެވާހަކަތައް އަދިވެސް އަޅުގަނޑުމެންނަށް އަޑު އިވޭ. އެވާހަކަތައް އިހައްދުވަހު ވީ ކަމެއްހެން ފެންނަ ފަދަ ހަމަ. ކުރީގެ އޮޑިޓަރ ޖެނަރަލް. ރައީސް ޔާމީން ފްރޮންޓް އޮފީސް އެ ޝޯވގައި ވެސް ވިދާޅުވި އަޑު އެހިން ތިމަންނަމެން އޮޑިޓަރ ޖެނަރަލްއަށް ވެސް އަދި އެހެނިހެން މިނިވަން މުއައްސަސާތަކަށް ވެސް އެމީހުންގެ މިނިވަންކަންމަތީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވި ވާހަކަ. އެހެންނަމަަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އޮޑިޓަރ ޖެނަރަލް ވަކި ކުރެއްވީ. ނިދާފައި އަނެއް ދުވަހު އޮފީހަށް ހޭލައިގެން ދިޔައިރު މިއޮތީ ވަކިކުރައްވާފައި އޮޑިޓަރ ޖެނަރަލް.ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރިގެ މެންބަރު ޔައުގޫބް އަބްދުﷲ
މިސަރުކާރަށް އިޝާރާތް ކުރައްވާ ޔައުގޫބް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގައި ހިމެނޭ ގިނަ ބޭފުޅުން މިސަރުކާރުގައި ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ މިސަރުކާރާއި، ޔާމީންގެ ސަރުކާރަކީ އެއް ޕާޓީއެއް ކަމަށެވެ.
މީގެ އިތުރުން ޔައުގޫބް ވިދާޅުވީ މިސަރުކާރާއި ޔާމީން ފެޔަށް ޖެހިވަޑައިގެންނެވީ ސަރުކާރު ގޯސްވެގެން ނޫން ކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސަރުކާރުގެ ސިޔާސީ މަގާމުތައް އަތުރާލައި، ފުލް ކޮންޓްރޯލް ނުލިބުމުން ކަމަށެވެ.
ފުރަތަމަ ދުވަހު ސަރުކާރު ގޯހެއް ނުވާނެ. ގޯސް މާ ބޮޑު ކަމެއް ނުކުރެވޭނެތާ. ބައްލަވާ ރައީސް ޔާމީން މިސަރުކާރާ ދުރަށް ޖެހިވަޑައިގަތީ މިސަރުކާރު ހުވާ ކުރިތާ ދެވަނައަށްވީ ދުވަހު. އޭރު އަދި މާ ބޮޑު ކަމެއް ވެސް ނުކުރެވޭނެ. އޭރު ގޯސްވެގެން އަޅުގަނޑުމެން އޮޕަޒިޝަނަށް ވެސް ސަރުކާރު ގޯސްވެގެން އަދި ރަނގަޅަށް ކުރި ކަމެއް ފެންނާކަށް ނެތް. އޭރު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދަނީ. ދެވަނަ ދުވަހު ރައީސް ޔާމީން ފެއަށް ޖެހިވަޑައިގަތީ. އެއީ ރައީސް ޔާމީންގެ ކޮންޓްރޯލް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަކަށް ސަރުކާރު މަގާމުތައް އަތުލާ ނުލެވުނީމަ ފެއަށް ޖެހިވަޑައިގަތީ. އެއީ ކޮންމެހެން ގޯސްވެގެނެއް ނޫން. ރައީސް ޔާމީންގެ ފުރިހަމަ ބްލެސިންގައި ގެނައި ސަރުކާރެއް މިއީ.ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރިގެ މެންބަރު ޔައުގޫބް އަބްދުﷲ
ރާއްޖޭގެ ހާލަތަށް އިޝާރާތް ކުރައްވާ ޔައުގޫބު ވިދާޅުވީ މިއަދު މިސަރުކާރުގެ ސަބަބުން ގައުމު އިނދަޖެހި، ރައްޔިތުން ހަލާކުވެގެންދާއިރު، އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަންޖެހޭ އެއްބޭފުޅަކީ ޔާމީން ކަމަށެވެ.