Advertisement
ކ. މާލެ
|
14 އޮކްޓޯބަރ 2025 | އަންގާރަ 22:45
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ދާއޫދު
ސޯޝަލް މީޑިއާ
މޯލްޑިވްސް ޕޮލިސް ސަރވިސް
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
ވިޔަފާރިވެރިޔާ ހަސަން ތައުފީގާއި ދާއޫދު ގުޅިގެން އެ ދެ މީހުންގެ އަނބިންގެ ނަމުގައި 10.5 މިލިއަން ރުފިޔާގެ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއް ކޮށްފައިވޭ
މާލިއްޔަތު ކޮމިޓީގެ ރިޕޯޓެއްގައި ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވޭ

ހުޅުމާލެ ޕޮލިސްގެ އެންމެ އިސްވެރިޔާ އަދި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދުގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް، އޭނާ ޗުއްޓީއަށް ދިއުމާ ގުޅިގެން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އާ ވަގުތީ ގޮތުން އަންގާރަ ދުވަހު ހަވާލުކޮށްފި އެވެ.

މި ބަދަލު އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން އަންގާރަ ދުވަހު އާންމުކުރި ރިޕޯޓެއްގައި ދާއޫދުގެ އެކައުންޓަށް ގޮތް ނޭނގޭ ފައިސާތަކެއް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވަނިކޮށެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ދާއޫދާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އަދި ސާފެއް ނުވެ އެވެ. އަދި މިކަމާ ބެހޭ ގޮތުން ދާއޫދުގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރާއްޖެ އެމްވީ އަށް ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު އޮކްޓޫބަރު މަހުގެ 14 އިން ފެށިގެން ޗުއްޓީ އަކަށް ވަޑައިގެންފައިވާ ކަމަށެވެ. އަދި އަހުމަދު މުހައްމަދާ ހުޅުމާލެ ޕޮލިސް ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ދާއޫދު ޗުއްޓީއަކަށް ދިއުމާ ގުޅިގެން ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ ދާއޫދުގެ ޗުއްޓީ ނިމެންދެން ހުޅުމާލެ ޕޮލިސް ހިންގުން އޮންނާނީ އަހުމަދު މުހައްމަދުގެ ބެއްލެވުމުގެ ދަށުގައި ކަމަށެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި މުހައްމަދު ދާއޫދު ޗުއްޓީއަކަށް ގޮސްފައި މިވަނީ ދާއޫދުގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހާމަކޮށްފައިވަނިކޮށެވެ.

ފުލުހުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއު (ބްލޫ ހައުސިން)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން މަޖިލީހުން އުފައްދާފައިވާ ޚާއްސަ ސަބް ކޮމިޓީގައި، ދާއޫދަށް ކުރެވޭ ތުހުމަތުކުގެ ވާހަކަދެއްކެވީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވެފައިވަނީ ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާ ޖަމާކޮށްފައިވާ ކަމަށާއި، އޭނާ އަށް ނުހައްގު މުއްސަނދިކަމެއް ލިބިފައިވާ ކަމަށް ބުނެ މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ވަނީ މައްސަލަ އެއް ހުށަހަޅާފައިކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބަލަން ނިންމާފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވަނީ ހާމަކުރައްވާފައެވެ.

ދާއޫދުގެ އެކައުންޓަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ގިނަ އަދަދަކަށް ފައިސާ ޖަމާކުރަމުން ގޮސްފައިވާ ކަމަށާއި އެ ފައިސާ ޖަމާކުރީ ކާކުކަން ނޭނގޭ ގޮތަށް ކަމަށް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. ދާއޫދަކީ ވިޔަފާރި އެއް ކުރައްވާ އަދި ވިޔަފާރި އެއްގެ ހިއްސާ ވެސް އޮންނަ ބޭފުޅެއް ނޫނެވެ. އެހެންކަމުން އޭނާގެ އެކައުންޓަށް ޖަމާވި ފައިސާގެ ހަގީގަތް ސާފެއް ނުވެއެވެ.

- ކޮމެންޓް