ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން މިދިޔަ މަހު، 6 ކުއްޖެއް އާއިލާއާއި ހަވާލުކޮށް 1 ކުއްޖަކު ރީއިންޓަރގްރޭޓް ކުރެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީން ހާމަކޮށްފައިވާ އޮގަސްޓް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އޮގަސްޓުމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 188 އެވެ. އަދި އޮގަސްޓު މަހުގައި 6 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވި، 1 ކުއްޖަކު ފޯސްޓަރކުރެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ އޮގަސްޓު 2022 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ޖުމްލަ 248 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލަ އޮގަސްޓު މަހު ރިޕޯޓްކޮށްފައިވާ ކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، އެ ގޮތުން އިހުމާލުވުމުގެ 33 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖިންސީ ހާނިކައިގެ 24 މައްސަލަ، ޖިސްމާނީ ހާނިކައިގެ 15 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުންމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ، ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ، އަދި އެހެނިހެން 3 މައްސަލަ މި ކެޓަގަރީން ހުށަހެޅިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީ އަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލައެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 10 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 8 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 3 މައްސަލަ، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 2 މައްސަލަ، މުދާ ހިފެހެއްޓުމާއި/މުދަލަށް ގެއްލުންދިނުމުގެ 2 މައްސަލަ، ފާރަލުމުގެ 1 މައްސަލަ އަދި ހިފެހެއްޓުމުގެ އަމަލުގެ 1 މައްސަލަ ވަނީ ހުށަހެޅިފައެވެ.
އާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައެއް އޮގަސްޓު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 15 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 13 މައްސަލަ، ދަރިންގެ ޙަރަދު ދިނުމުގައި ޖެހޭ 4 މައްސަލަ އަދި ހަޟާނާތުގެ 2 މައްސަލަ ހިމެނެއެވެ.
އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މިގޮތުން ހުށަހަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 27 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލައެކެވެ.
ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 16 މައްސަލައެއް އޮގަސްޓު މަހު ވަނީ ހުށަހެޅިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ 5 މައްސަލަ، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ 1 މައްސަލަ، ސްލޫކީ 2 މައްސަލަ އަދި ރުޅިވެރި، ގަވާއިދާ ޙިލާފު ނުވަތަ އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވުމުގެ 1 މައްސަލަ ހިމެނެއެވެ.
ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 4 މައްސަލައެއް އޮގަސްޓު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި އައި.ޑީ ކާޑް/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ މައްސަލަތަކުގެ 2 މައްސަލަ، ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލަ އަދި ސްކޫލަށް ބޭނުންވާ ތަކެތި ހޯދައި ނުދިނުމުގެ 1 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުގެ ގޮތުގައި އޮގަސްޓު މަހު ހުށަހެޅިފައިވަނީ 6 މައްސަލައެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ވައްކަންކުރުމުގެ 2 މައްސަލަ އަދި އެހެނިހެން 4 މައްސަލަ ހުށަހެޅިފައިވެއެވެ.
ޢިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅިންހުރި 2 މައްސަލައެއް އޮގަސްޓު މަހު ވަނީ ރިޕޯޓުކޮށްފައެވެ. މިބާވަތުގެ މައްސަލަތަކުގެ ގޮތުގައި ސާފުބޯފެންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލަ ހުށަހެޅިފައިވެއެވެ.