ހާލު ބެލުން ޕްރޮގްރާމްގެ ނަމުގައި ރަށްރަށަށް ގޮސް ކުރާ ކަމަކީ ޕީއެންސީގެ މެމްބަރޝިޕް ފޯރމް ފުރުންކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވެއްޖެއެވެ.
އިފްހާމް އެފަދައިން ވިދާޅުވި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީ ސަރުކާރުން ވާނީ އިބަމަ ތައާރަފްކޮށް މަދު އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅެއްގައި އިބަމަ ޤާއިމްކޮށް، މަސައްކަތް ކުރަން ފަށާފައި ކަމަށް އިފްހާމް ވިދާޅުވިއެވެ. އޭރު ވަލްނަރަބިލިޓީ މެޕެއް ހަދާ، އާއްމުންގެ ހާލަތު ވަރަށް ކައިރިން ނިމިދިޔަ ސަރުކާރުން ވަނީ ބަލާފައިކަން އިފްހާމް ފާހަގަކުރެއްވިއެވެ. އިފްހާމް ވިދާޅުވީ އެ މެޕްގެ މަސައްކަތާއި އެކު ރަށެއްގައި ދާއިމީ ބޭހެއް ކާ މީހަކު ހުރި ނަމަ އެ މައުލޫމާތު ވެސް އެނގޭނެ މަގު އޭރު ވާނީ ފަހިކޮށްފަ ކަމަށެވެ. އަދި އަނިޔާ ލިބޭ މީހުން ވެސް ދެނެގަނެވޭނެ ނިޒާމެއް އޭގެ ތެރެއިން ޤާއިމްކުރި ކަަމަށް އިފްހާމް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި މި ސަރުކާރުން ކުރާ ކަމަކީ ހާލުބެލުން ޕްރޮގްރާމްގެ ނަމުގައި ރަށްރަށަށް ގޮސްފައި، ސިޔާސީ މަސައްކަތް ކުރުން ކަމަށް އިފްހާމް ވިދާޅުވިއެވެ. އިފްހާމް ވަނީ ސަރުކާރުން ބަަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން އާއްމުންނަށް ލިބެންޖެހޭ އިޖުތިމާއީ ޚިދުމަތްތަކުން މަހްރޫމްވަމުންދާ ކަމަށް ވެސް ފާހަގަކުރައްވާފައެވެ. 8000 އެތައް ފަރާތެއްގެ ހާލު ބަލާފައިވާ ކަމަށް ސަރުކާރުން ބުނާ އިރު، މި ވެރިކަމަކީ އަޅާލުމާއި އޯގާތެރިކަން ހުރި ވެރިކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
34.8 މިލިއަން ޓީވީ ސްޓޭޝަނަކަށް އެ ޚަރަދުކޮށްލީ ނިކަމެތި ރައްޔިތުންނަށްވުރެ ހާލު ބޮޑުވީމަތާ. އެއީ މިއަދުގެ ހާލަތަކީ. ދެން ފެންނަނީ ހަލު ބަލާތަން. ހާލު ބަޔަން ވެސް މިނިސްޓްރީ އެއް. ކުރިން އެއީ ޖެންޑަރ މިނިސްޓްރީ. މި ސަރުކާރުގަ އެ މިނިސްޓްރީގެ ނަމެއް ވެސް ނޭނގޭ. ދެން މިކުރާ ކަމަކީ ހާލު ބެލުން. ވަރަށް ނިކަމެތި މީހުން ކައިރިއަށް ގޮއްސަ މި ކުރާ ކަމަކީ އެކި ގޮތްގޮތަށް ފޮޓޯ ނެގުން. ހެވިފަ މި ތިބެނީ.ނިމިދިޔަ ސަރުކާރުގެ ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން
މި ސަރުކާރުން ނުކުޅުދުންތެރިކަން ހުންނަ މީހުންނާއި އަޅާލުން ބޭނުންވާ މީހުން ނިކަމެތިކޮށްލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ވެރިކަމުގައި ނުކުޅުދުންތެރިކަން ހުންނަ ކުއްޖެއްގެ އެލަވަންސް ހޯދަން ވެސް އަހަރެއްހާ ދުވަސް ނެގި މައްސަލަ އެއް ފެންމަތިވި ކަމަށް އިފްހާމް ވިދާޅުވިއެވެ. މިފަދަ އެތައް މައްސަލަ އެއް މި ސަރުކާރުގައި ދިމާވެފައިވާ ކަމަށް ފާހަގަކުރައްވާ އެކަމުގެ ބައެއް މިސާލުތައް އޭނާ ވަނީ ހިއްސާކުރައްވާފައެވެ. މިއީ ވަރަށް ލަދުވެތި ކަންކަން ކަމަށް އިފްހާމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 34 މިލިއަން ހޭދަކޮށްގެން އެންސްޕާ އިން ޓީވީ ސްޓޭޝަނެއް ހަދާފައި ވަނީ ނިކަމެތި ރައްޔިތުންގެ ލާރިކޮޅު ކާލައިގެން ކަމަށް އިފްހާމް ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ގޮތުން ލިބެންޖެހޭ ގޯތި ވެސް މި ސަރުކާރުން ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެއީ އާއްމުންނަށް ދޭ ނިކަމެތިކަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން އާއްމުން އުޅެން ޖެހޭ ހާލު ސަރުކާރަށް ތަސައްވުރުވެސް ނުކުރެވޭ ކަމަށް އިފްހާމް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގަންނަވަން ރައީސް މުއިއްޒު ދެއްކެވި ވާހަކަ އާއި އަމަލާއި ދިމާ ނުވާ ކަމަށާއި ރައްޔިތުން ނިކަމެތިކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިފްހާމް ވަނީ އެންސްޕާގެ ދަށުން ދޭ ޚިދުމަތްތައް ވެސް ދެމުންދާ ގޮތް ރަނގަޅު ނޫން ކަމަށް ފާހަގަކުރައްވާ އެކަމަށް ފާޑު ވިދާޅުވެފައެވެ.