އެސްއެމްއީ ހަބުގައި ދެ ޒުވާނުން ހިންގަމުންދާ ދަ ޗީޒް ކޭކް ބާ އަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް ސާލިހް ދަ ޗީޒް ކޭކް ބާ އަށް ޒިޔާރަތް ކުރެއްވީ ޒުވާން ވިޔަފާރިވެރިން ކަމުގައިވާ މުހައްމަދު ފާރިޝް އަދި ހަނާން ފަހުމީގެ ދައުވަތަކަށެވެ.
އެސް.އެމް.އީ ހަބަކީ، އެމްޑީޕީގެ ސަރުކާރުން ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް އަދި ޒުވާނުންނަށް ވިޔަފާރީގެ ފަހި ފުރުސަތުތައް ތަނަވަސް ކޮށްދިނުމުގެ ނިޔަތުގައި ވުޖޫދު ކުރި ތަނެކެވެ.
ރައީސް ސާލިހް ގެ ސަރުކާރުން ޒުވާން ވިޔަފާރި ވެރިން އުފެއްދުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެސްއެމްއި ހަބަކީ ޒުވާނުން ވިޔަފަރި އަށް ވަނުމަށް ހުޅުވުނު މުހިންމު ދޮރެކެވެ. ކުރީ ސަރުކާރުން ޒުވާނުންނަށް ފަހި ކޮށްދީފައިވާ މި ފުރުސަތުތައް ހަނިކޮށް މި ސަރުކާރުން ވަނީ، މި ދެ ޒުވާނުންގެ އިތުރުން އަދި އެތަނުގައި ވިޔަފާރި ކުރައްވަމުން ގެންދެވި ހުރިހާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން، އެތަނުގައި ކުރަމުން އައި ވިޔަފާރި ހުއްޓާލާ ތަން ހުސްކުރުމަށް އަންގާފަ އެވެ.
ޒުވާނުން ނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް އެކިއެކި ފުރުސަތުތައް ހޯދަދޭނެ ކަމަށް ވިދާޅުވެ މި ސަރުކާރުން އަންނަނީ އެ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ހުރަސްތަކެއް ކުރިމަތި ކުރަމުންނެވެ. ހިތާމައަކީ މި ސަރުކާރުން ކުދި ވިޔަފާރިތަކަށް އެހީތެރިވުމުގެ ބަދަލުގައި، އެ ވިޔަފާރިތައް ނިކަމެތި ކުރަމުން ގެންދިއުމެވެ.