ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އާއި މިހާރުގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މީގެ މަސްތަކެއް ކުރިން ބައްދަލު ކުރެއްވިކަން މި ނޫހަށް ކަށަވަރު ކުރެވިއްޖެއެވެ.
މީޑިއާ ގައި ދައުރުވާ ފޮޓޯ އަކީ މީގެ މަސްތަކެއް ކުރިން ނަގާފައިވާ ފޮޓޯއެއްކަންވެސް ވަނީ ޔަގީން ކުރެވިފައެވެ.
ބައެއް މީޑީއާތަކުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭރު ގައުމެއްގައި ބައްދަލު ކުރެއްވުމެއް ބާއްވައިފި ކަމަށާއި ނަމަވެސް އެއީ ކޮން އިރަކު ނަގާފައިވާ ފޮޓޯއެއް ކަން ނޭނގޭ ކަމަށް ބުނެފައިވެއެވެ.
މި ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އަދީބް، ޓޫރިޒަމް މިނިސްޓަރ ފައިސަލް އާ މީގެ މަސްތަކެއް ކުރިން ރާއްޖޭން ބޭރުގައި ބައްދަލު ކުރެއްވީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުގުވެރިވާ އަދީބުގެ ގާތް ބޭރުގެ ފަރާތެއް ތައާރުފް ކޮށްދެއްވުމުގެ ގޮތުންނެވެ.
ދައުރުވަމުންދާ ފޮޓޯގައި އެ ފަރާތްވެސް ހިމެނޭ ކަން އެނގިފައިވެއެވެ.
މި ފޮޓޯ އާންމު ވުމުގެ ކުރިންވެސް އަދީބް އާއި ޑރ. މުއިއްޒުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ކަމުގެ ވާހަކަތައް މީޑިއާ އަށް ތިލަވެފައިވެއެވެ.
އަދި އަދީބް ބޭރުގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައިވެސް އިގްތިސާދީ ގޮތުން މުއިއްޒުގެ ސަރުކާރަށް ލަފާ ދެއްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.