ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 357،358ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, އަންގާރަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް 270 މީހުން ވަނީ ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 110 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 160 މީހުންނެވެ.
އަންގާރަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 59 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 19 މީހުންނާއި އަތޮޅުތަކުން 40 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 394،522ށް އަރާފައެވެ.
ރާއްޖޭގައި މިހާރު އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓް ޖަހަމުންނެވެ. އެގޮތުން ރަށްރަށުގައި ތިބި، ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާ މީހުން އެރަށެއްގެ ހެލްތު ސެންޓަރ ނުވަތަ ހޮސްޕިޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތު ފުރިހަމަވާ މީހުންނަށް މި މަހުގެ 3ން ފެށިގެން ފައިޒަރ ވެކްސިން ޖަހައިދެމުންދާއިރު، މާލެ ސަރަހައްދުގައި, އޭޑީކޭ ހޮސްޕިޓަލުން ހެނދުނު 9:00ން މެންދުރުފަހު 2:00ށް، ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 9:00ން މެންދުރުފަހު 2:00ށް, އަދި ވިލިމާލެ ހޮސްޕިޓަލުން 10:00ން 12:00ށް ވެކްސިން ޖަހައިދެމުންދާނެ ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.