ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 22:41
އިންޑިއާގައި ކޮވިޑު ކޭސްތައް އިތުރުވެ، ހުސް ބިންތަކުގައި ޖަނާޒާގެ ކަންކަން ކުރަނީ
އިންޑިއާގައި ކޮވިޑު ކޭސްތައް އިތުރުވެ، ހުސް ބިންތަކުގައި ޖަނާޒާގެ ކަންކަން ކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19 އިންޑިއާގެ ޙާލަތު
ކޮވިޑު މަރު ގިނަވާތީ ހުސް ބިންތަކާއި ޕާކުތައްވެސް ޖަނާޒާގެ ކަންކަމަށް ބޭނުން ކުރަނީ
މަރުވާ މީހުން އެންދުމަށްޓަކައި ބޭނުންވާ ދަރު ހޯދުމަށް ގިނައަދަދެއްގެ ގަސް ކަނޑަމުންދޭ
ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ކޭސްތައް ރިިޕޯޓު ކުރެވެމުންދޭ
އިންޑިއާއިން މިހާރު ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރެވޭ

ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އިންޑިއާގެ ހުސްބިންތަކާއި ޕާކުތަކުގައިވެސް ޖަނާޒާގެ ކަންކަން ކުރަން ފަށަައިިފިއެވެ.

މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކުރާ ގައުމަކަށް އިންޑިއާ ވެގެންގޮސްފައިވާއިރު، އޮކްސިޖަން ލިބުމުގެ ދަތިތަކާއި، ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ކޭސްތައް އިތުރުވެ އެ ގައުމުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން މަރުވާ ނީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާނެ ޖާގަ ނެެތުމުގެ ސަބަބުން އާއިލާތައް ކިއޫގައި ތިބެން ވަނީ ޖެހިފައެވެ. އަދި އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހުސް ބިންތަކާއި ޕާކުތައްވެސް ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ބޭނުންކުރަން ފަށާފައެވެ.

ހޯމަ ދުވަހު އެކަނިވެސް އިންޑިއާއިން 380ށް ވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާއިރު، ޖަނާޒާގެ ކަންކަން ކުރާ އޮފިޝަލުން ހުއްޓުމެއް ނެތި 24 ގަޑިއިރު މަސައްކަތް ކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

އޭގެ އިތުރުން، އިންޑިއާގެ ވެރިރަށް ދިއްލީގައި އެކަނިވެސް ކޮވިޑު ޖެހިގެން މަރުވާ މީހުން އެންދުމަށްޓަކައި ބޭނުންވާ ދަރު ހޯދުމަށް ގިނަ އަދަދެއްގެ ގަސް ކަނޑަމުންދާކަމަށްވެސް ބީބީސީގައި ރިޕޯޓު ކޮށްފައިވެއެވެ. 20 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ދިއްލީގެ ހޮސްޕިޓަލުތައްވެސް މިހާރު ވަނީ ފުރިފައެވެ. އަދި އޮކްސިޖަން ލިބުމުގައި ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

އިންޑިއާއިން މިހާރު ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ކޭސް ރިޕޯޓު ކުރެވެމުންދާއިރު، އެ ގައުމުން މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ. އަދި 192،000ށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް