ހިޒްބުﷲ އިން އިޒްރޭލުގެ އުތުރުގައިވާ ހައިފާ ސިޓީ ކައިރީގައިވާ ކަނޑުގެ ބޭސްއަކަށާއި ތެލް އަވީވްގެ ބައެއް އަވަށްތަކަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ދީފިކަމަށް އެޖަމާއަތުން ބުނެފިއެވެ.
ހިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހައިފާގެ އުތުރު ހުޅަނގުގައިވާ ސްޓެލާ މާރިސް ކަނޑުގެ ބޭސްއަކަށް "ރޮކެޓް ފުންޏެއް" އޮއްސާލާފައިވާ ކަމަށާއި އޭގެ ފަހުން އަންގާރަ ދުވަހު ތެލް އަވީވްގެ ރަށްފުށު ސަރަހައްދުގެ ދެ ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ.
މި ހަމަލާއާ ގުޅޭގޮތުން އިޒްރޭލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮކެޓްތައް ވެއްޓުނީ ހުސް ބިންތަކަށް ކަމަށާއި ނަމަވެސް ހަމަލާތަކާއި ގުޅިގެން އިޒްރޭލުގެ ތިން ސަރަހައްދެއްގައި ސައިރަން އެޅި ކަމަށެވެ.
އިޒްރޭލުން ދެކުނު ލުބުނާނުގައި ހަމަލާތައް ފުޅާކޮށް، ބެއިރޫތުގެ ދެކުނު ސަރަޙައްދުތަކަށް ބާރުގަދަ ހަމަލާތައް ދެމުންދާއިރު، ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ހިޒްބުﷲ އިން ވަނީ 8 އޮކްޓޫބަރު 2024 ގައިވެސް އުތުރު އިޒްރޭލުގެ ސަރަޙައްދުތަކަށް އަމާޒުކޮށް ގާތްގަނޑަކަށް 135 ރޮކެޓް ފޮނުވާލާފައެވެ. މިއީ އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާތައް ބަދަލުކުރަން ފެށި ފަހުން އިޒްރޭލުގެ ޕޯޓް ސިޓީއަށް އަމާޒުކޮށް ހިޒްބުﷲ އިން ދިން ފުރަތަމަ ހަމަލާއެވެ.