ކ. މާލެ
|
18 ނޮވެންބަރ 2024 | ހޯމަ 17:12
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
މަގޭ ރިޕޯޓް
ރައީސްގެ ތަގުރީރުން ފެނުނީ ގަޓު ކަމެއް ނޫން، ކިބުރުވެރިކަމާ ބޮޑާ ކަމާ ހުދުމުހުތާރު ކަމެވެ
ގިނަ ބަޔަކު ބުނަނީ އާދިއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ދެއްވި ތަގްރީރުން، އެމަނިކުފާނުގެ ކިބުރުވެރިކަމާ، ބޮޑާކަމާ، ގޮތް ދޫނުކުރުމާ ހަރުކަށިކަން އެނގި ފޫހިވެއްޖެ ކަމަށެވެ.

ސަރުކާރަށް އެއް އަހަރުވެގެން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދެއްކެވި ގޮތާއި ރާގާ އަޑު އެހި މީހަކު ހަމަ އެގަޑީގައި އަޅުގަނޑަށް ގުޅިއެވެ. އަޅުގަނޑަށްވެސް ރައީސްގެ ތަގުރީރު ބަލާލަން އިށީންނަށް ޖެހުނީ އެހެންވެގެންނެވެ. ރައީސް ހުރީ ކޯފާ ވެފައެވެ. އަޑުފުޅު އިންތިހާއަށް ގަދައެވެ. ކޮންމެވެސް ބަޔަކާ ދެބަސްވަނީއެވެ. އާއްމު އިބާރާތުން ދަންނަވާނަމަ ޒުވާބުކޮށް އަރާރުން ވަނީއެވެ. އިވުނީ ކޮންމެވެސް އެއްޗެއް ބަދަލު ނުކުރާނަމޭ ވިދާޅުވާ އަޑެވެ. އެތަންކޮޅު ދެފަހަރު ތިންފަހަރު ރިޕީޓކޮށް ވިދާޅުވިއެވެ. އަޑުގެ ކޮޅަށެވެ. ދެން ވިދާޅުވީ ހަމަ ޖެހޭނީ ކުރަން ކަމަށެވެ. އެނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އަޅުގަނޑުވެސް އިނީ ކޮސްވެފައެވެ. ހައިރާންވެ އަންތަރީސް ވެފައެވެ. ހީވަނީ ގަދަ ޒުވާބެއް ހެންނެވެ. ރައީސް ވިދާޅުވަމުން ގެންދެވީ ޑޮލަރު މާރުކުރުމުގެ މައްސަލައިގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ކުންފުނިތަކުގެ ވެރިން އެމްއެމްއޭގެ ގަވަރުނަރަށް ފޮނުއްވި ސިޓީފުޅުތަކެއްގެ ޖަވާބެވެ. އަޅުގަނޑު ހިތައް އެރި މިތާނގާއި މިހުރީ އެމްއެމްއޭގެ ގަވަރުނަރު ބާވައެވެ. ސިޓީ ފޮނުވީ އެމްއެމްއޭ އަށެވެ. އެޑްރެސްކޮށްފައި އޮތީ އެމްއެމްއޭގެ ގަވަރުނަރަށެވެ. ބަދަލުކުރަން އެދިގެން އުޅެނީ އެމްއެމްއޭއިން ހަދާފައި އޮތް ގަވައިދެކެވެ. އެމްއެމްއޭ އަކީ ވަކި ގާނޫނަކުން އުފައްދާފައިވާ މިނިވަން ތަނެކެވެ. އެއީ މަރުކަޒީ ބޭންކެވެ. ވީއިރު އެމްއެމްއޭގެ ގަވަރުނަރަށް ފޮނުވާފައިވާ ސިޓީއެއްގެ ޖަވާބު ކޯފާވެ ހުންނަވައިގެން ކަރުން ނާރު ނަންގަވާފައި ގަދަ އަޑުފުޅުން ޒުވާބު ކުރާ ގޮތަށް ރައީސް މި ދެއްވަނީ ކީއްވެގެން ބާވައެވެ. އެ ބައްދަލުވުމަކީ ސިޔާސީ ބޮޑު ބައްދަލުވުމެކެވެ. އެމްއެމްއޭގެ ގަވަރުނަރުވެސް އެތާގައި އިންނަވާކަށް ނުވެސް ޖެހެއެވެ.

ދެން ވިދާޅުވާތީ އިވުނީ ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ލިމިޓްގެ ވާހަކަ އެވެ. އެ ލިމިޓު 1400ށް ޖައްސަދޭނެ ވާހަކަ އެވެ. ބޭންކުން ހައްދާ ޓީޓީގެ ވާހަކައެވެ. އެއަށް ވެސް ކޮންމެވެސް ގޮތެއް ހައްދަވާނެ ވަހަކަ އެވެ. ބޭންކަކީ ވެސް މިނިވަން ތަނެކޭ ބުނާތީ އިވެއެވެ. ސީއީއޯ އެއްވެސް ހުރެ އެވެ. ބޯޑެއް ވެސް އޮވެ އެވެ. އަމިއްލަ މީހުންގެ ހިއްސާވެސް އޮންނަ ތަނެކެވެ. އަޅުގަނޑު ހިތަށް އެރީ މިހާރު މި ވާހަކަ ދައްކަވަނީ ބޭންކުގެ ސީއީއޯ ބާވައެވެ. އެއާއި އެކު އަޅުގަނޑު ހިތަށް އެރީ އަޅުގަނޑަށް ގުޅި މީހާ އެބުނީ ރަނގަޅު ވާހަކަ އެކެވެ. ރައީސްގެ ކިބުރުވެރިކަމާ، ބޮޑާކަމާ، ގޮތް ދޫނުކުރުމާ ހަރުކަށިކަން ދެނެގަންނާކަށް މުޅި ސްޕީޗް އަޑުއަހާ ނިންމާކަށް ނުޖެހެއެވެ.

ހިތައް އެރިއެވެ. ރައީސް ވާހަކަފުޅު މިދައްކަވަނީ ކޮންބަޔަކަށް ބާވައެވެ. ކުރިމަތީގައި އިށީނދެ ތިބީ ސަރުކާރުގެ ކުންފުނިތަކާ ސިޔާސީ މަގާމްތަކަށް ލައްވާފައި ތިބި މުވައްޒަފުންނެވެ. ގޭގޭގެ ސިޓިންގރޫމްތަކުގައި ތަގުރީރު އަޑުއަހަން ތިބީ ވެސް ދިވެހިންނެވެ. އެމްއެމްއޭ އަށް ސިޓީ ފޮނުވައިގެން އުޅެނީ ވެސް ދިވެހިންނެވެ. އެތައް ދިވެހިންނެއް ވަޒީފާ އަދާކުރާ ދިވެހި ކުންފުނިތަކެކެވެ. ރައީސް ވާހަކަފުޅު ދައްކަވަނީ ދިވެހި ބަހުންނެވެ. ވީއިރު މުޚާތަބު އެ ކުރައްވަނީ ދިވެހި ރައްޔިތުންނަށް ނޫން އެހެން ބަޔަކަށް ނޫންކަން ޔަގީނެވެ. އެހެން ކަމަށް ވާނަމަ ރައީސް ޒުވާބު ތިކުރައްވަނީ ކޮންކަމަކާތޯއެވެ. ރުޅިގަދަވެވަޑައި ތިގަންނަވަނީ ކޮންކަމަކާތޯއެވެ. ގަދަ އަޑުފުޅުން އެއްޗެހި ތިކުއްވަނީ ކޮންކަމަކާތޯއެވެ. ހުރިހާ މުއައްސަސާތަކާ ހުރިހާ އެންމެންގެ މައްޗަށް ބާރާ ނުފޫޒް ހިންގަވާ ކޮންޓްރޯލް ކުރައްވަމުން ހުދުމުހުތާރު ވެރިކަމެއް ހިންގަވަމުން ގެންދަވާ ކަމަށް އަމިއްލަފުޅަށް ސާބިތުކޮށްދެއްވަން މަސައްކަތް ތިކުރައްވަނީ ކޮން ބޭނުމެއްގައި ތޯއެވެ. ގުޅި މީހާ ބުނީ ރަނގަޅަށެވެ. ރައީސްގެ ތަގުރީރުން ފެނުނީ ގަޓު ކަމެއް ނޫނެވެ. ކިބުރުވެރިކަމާ ބޮޑާ ކަމާ ހުދުމުހުތާރު ކަމެވެ. ގިނަ ބަޔަކު ބުނަމުންދަނީ ބަޔަކު އެތާ ތިބެ އަތް ޖެހިއެއް ކަމަކު، އެމަނިކުފާނު އެ އުޅުއްވި ގޮތަކުން މުޅިން ފޫހިވެއްޖެ ކަމަށެވެ.

- ކޮމެންޓް
28 ނޮވެންބަރ 2024 | ބުރާސްފަތި 10:54
މަލީހާ
ބޮޑާކަމާ ކިބުރުވެރި ކަން ފެނިގެން ދިއައީ
18 ނޮވެންބަރ 2024 | ހޯމަ 18:42
އާދަނު
މިވަރުގެ ބޮޑާ މީހަކު އަދި ވެރިކަމުގައި ނުދެކެން. ޔާމީނު ނުވޭ އެއްޗަކަށް. އެބުނާހެން ކޮން ހަޅޭކެއްތަ އެލެވީ. ހީވަނީ މުޒާހަރާ ކޮށް ކޮށް އެކަމަށް ފަރިތަމީހަކު ލިޔެފަ ދިން އެއްޗެއް ދަސްކޮށްގެން ކިޔަން އުޅުނުހެން. މިހާރުގެ ރައީސަކީ އަމިއްލަ ސިކުނޑިން ވާހަކަ ދެއްކޭ ރައީސެއް ނޫންވިއްޔާ. ފެކްޓް