މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނަގައިފި އެވެ. އެއީ ރާއްޖޭގެ އެންމެ މައި އެއް ދޮރާއްޓެވެ. ދެން އޮތީ އަނެއް ދޮރާއްޓެވެ. ވައިގެ ބަނދަރެވެ. ވޭލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޑޮލަރު ހިފައިގެން ދިޔަ ބޭންކުގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އެތައް ހާސް ޑޮލަރު ފޭރިގަނެއްޖެ އެވެ.
މިއީ ގާތް ގާތުގައި ހިނގައިގެން އުޅޭ ދެ ހާދިސާ އެވެ. އާދައިގެ ކަމެއް ވެސް ނޫނެވެ. މި ކިޔަނީ މި ގައުމުގެ އެންމެ ހައި ސެކިއުރިޓީ ޒޯންތައް ކަމުގައި ކިޔާ އުޅޭ ތަންތަނެވެ. މި ޤައުމަށް އޮންނަ އިތުބާރާއި، އަމާންކަމާ އެކު އުޅުމާއި، ޤައުމުގެ އަގު ހިފެހެއްޓުމަށް ކޮންމެހެން ވެސް ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ. ޤައުމަކީ ފަތުވެރިކަމާއި، އިމްޕޯޓަށް ބަރޯސާ ޤައުމަކަށް ވާއިރު، އެންމެ ބޭނުން ވާނީ ސަލާމަތާއި، ރައްކާތެރިކަން ނޫން ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟
އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލޭ ޕޯޓުގައި ހުއްޓާ ވަގަށް ނެގި ދެ ކޮންޓެއިނަރުގައި ހުރީ 12 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެވެ. އެއީ ދައުލަތަށް ޑިއުޓީގެ ގޮތުގައި ލިބެން ޖެހޭ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ. ސަލާމަތާއި، ރައްކާތެރިކަމާއި، ބެލެހެއްޓުން ތެރިކަމުގައި އިންތިހާ އަށް ފާރަވެރިވާން ޖެހޭ ތަނެއްގައި ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގީމާ، ދެން ދަައްކާނެ އިތުރު ވާހަކައެއް އެބަ އޮތް ހެއްޔެވެ؟
އެމްޕީއެލްގައި ހުރި ދެ ކޮންޓެއިނަރު ވަގަށް ގެންދިޔައިރު، އެކަން ފެނުނު މީހަކު ވެސް އެ ސަރަހައްދުގައި ނެތީ ހެއްޔެވެ؟ ވަށައިގެން އެތައް ބަޔަކު އުޅެމުން ދިޔަ ސަރަހައްދަކުން، އަދި ސަލާމަތަށްޓަކައި އެތައް ކެމެރާ އަކާއި، އެތައް ސަލާމަތީ މުވައްޒަފުން ތަކެއް އުޅޭ ތަނަކުން ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަކަން ހަމަ ނޭނގެނީ ހެއްޔެވެ؟ އެކަން ސަރުކާރަށް ވެސް އިނގުނީ ދެ މަސް ދުވަސް ފަހުންނެވެ.
ދެން އޮތީ ހޯމަ ދުވަހު އެއާޕޯޓުގައި ހިނގި ހާދިސާ އެވެ. ބޭންކުގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި، 100،000 (އެއް ލައްކަ) އެމެރިކާ ޑޮލަރި ފޭރިގަނެފި އެވެ. އާދައިގެ ތަނަކުން ނޫނެެވެ. އެތައް ބައިވަރު އާންމު ރައްޔިތުންނާއި، ސެކިއުރިޓީ އޮފިސަރުންނާއި، ފުލުހުން އަދި އެމްއެންޑީއެފް ވެސް ޙަރަކާތްތެރިވާ ސަރަަހައްދެކެވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު އައިސް، ދެ މީހަކަށް ބިރު ދައްކައި އެއް ލައްކަ ޑޮލަރު ފޭރިގަނެ އެ ހިފައިގެން ލޯންޗަކަށް އަރާ ފިލައިގެން ދިޔަ އިރު، އެ ސަރަހައްދުގައި ސަލާމަތީ އެއްވެސް މީހެއް ހިލަމެއް ނެތީ ހެއްޔެވެ؟
އެހެންވިއްޔާ މިއަށް ވުރެ ބިރުވެރި ދެން އޮތީ ކޮން ކަމެއް ހެއްޔެވެ؟ ޤައުމުގެ މައި ދެ ދޮރާށީގައި ކައިރި ކައިރީގައި މި ހިނގި ހާދިސާ އަކީ އާދައިގެ ގޮތަކަށް ދޫކޮށްލެވޭނެ ކަންކަމެއް ނޫނެވެ. މިއީ އެއަށް ވުރެ މާ ސީރިއަސް ކަމެކެވެ. މާދަމާ މި ޤައުމަށް އަންނަ ފަތުރުވެރިޔަކަށް މިހެން ދިމާ ނުވާނެ ކަމުގެ އޮތީ ކޮން ޔަގީން ކަމެއް ހެއްޔެވެ؟ އޭގެއިން މީހަކަށް މިހެން ދިމާ ވެއްޖެ ނަމަ، މިހާރަށް ވުރެ މާ ބޮޑެތި ގެއްލުން މި ޤައުމަށް ވާނެކަން ސަރުކާރުގައި ތިބި ވެރިންނަށް ނޭނގެނީ ހެއްޔެވެ؟
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި އޮތީ ހޯމަ ދުވަހުގެ ފަތިހު 4:45 ހާއިރު އެވެ. މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކޮށް، ލޯންޗު ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙުސާން އެކްސް ގައި ޕޯސްޓު ކުރެއްވީ، ހާދިސާ ހިނގިތާ އަށް ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރުން އަނބުރައި އެކެއް ވެސް ޖެހި ފަހުންނެވެ. ޤައުމުގެ މައި ދޮރާށީ ގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި މިވަރުގެ އަވަސް މިނަކުން ފުއްދާލެވޭނެ ހެއްޔެވެ؟
ނޫނެކެވެ. އިޙުސާން އަށް މިކަން އާދައިގެ ކަމަކަށް ވެދާނެ އެވެ. އެކަމަކު، ހުރިހާ ގޮތަކުން ވެސް މިއީ ސީރިއަސް ކަމެކެވެ. މިއަދު މި ޤައުމުގެ ޙާލަތުގެ ވެނެޒުއެލާ ނުވަތަ ކޮލަމްބިއާ ނޫނީ ސޯމާލިއާ ފަދަ ޤައުމުތަކާ އެއްވަރުގެ ޙާލަތަށް ދާއިރު، އިޙުސާންމެން މަޤާމު ތަކުގައި ތިއްބަން ލަދު ކޮބާ ހެއްޔެވެ؟ "ހޯމް ލޭންޑް ސެކިއުރިޓީ" މިނިސްޓަރުގެ ލަގަބު ހިތްޕަވައިގެން އުޅުއްވާ މިނިސްޓަރު ފެއިލްވާނީ މިވަރަކަށް ނޫން ހެއްޔެވެ؟
ބެސްޓް ޕްރެކްޓިސް ނުވަތަ، ތަހުޒީބު މުޖުތަމައުގައި ކަންކަން ކުރާ ގޮތް ފެންނަ އެބަ ހުއްޓެވެ. ގާތް ގާތުގައި މިކަހަލަ ހާދިސާތައް ހިނގީމާ، އަމިއްލަފުޅަށް ފެއިލްވީ ކަމަށް ނިންމަވައި އިސްތިއުފާ ދެއްވަން ވެސް ކެރިވަޑައިގަންނަވަން ޖެހޭނެ އެވެ. އެ ހިތްވަރެއް ވެސް ނެތެވެ.