Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 15:33
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާރ ބެން ގްވިރ އިސްރާއީލުގެ ޕާލަމެންޓުގައި ސަލާމް ކުރަނީ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާރ ބެން ގްވިރ އިސްރާއީލުގެ ޕާލަމެންޓުގައި ސަލާމް ކުރަނީ
ގެޓީއިމޭޖަސް
އިޒްރޭލް
ފަލަސްތީނު ރައްޔިތުންނަށް އަމާޒު ކޮށް މަރުގެ އަދަބު ދެވޭ ބިލެއްގެ ފުރަތަމަ ކިޔުން އިޒްރޭލުގެ ޕާލިމެންޓުން ފާސް ކޮށްފި
މިއީ ފަލަސްތީނު ރައްޔިތުންނަށް އަމާޒުކޮށްގެން ހަދާ ގާނޫނެއް ކަމަށް ބެލެވިފައިވާއިރު، މިއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހައްދުފަހަނަ އެޅި ޖަރީމާ އެއް ކަމަށް ހަމާސް އާއި ފަލަސްތީނު ދައުލަތުން ވަނީ ބުނެފައި.

އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިހަށް ހުށަހެޅި "ޓެރަރިސްޓުން" ނަށް މަރުގެ އަދަބު ދޭ ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހު ފާސް ކޮށްފި އެވެ. މިއީ އިޒްރޭލަށް ނުރައްކަލެއް ކަމަށް ބެލޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒު ކޮށްގެން ހަދާ ގާނޫނެއްގެ ގޮތުގައި ވަނީ ބެލިފަ އެވެ.

ހައްދުފަހަނައަޅާފައިވާ ކަނާތު ފިޔައިގެ ޕާޓީގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގްވިރު ހުށަހެޅި އަދި ޤައުމީ ސަލާމަތީ ކޮމިޓީން ފާސްކޮށްފައިވާ ޖިނާއީ ޤާނޫނަށް ގެނެވޭ އިޞްލާހުގެ ބިލު ފާސްވީ 39 ވޯޓް ބިލާ އެއްކޮޅަށް ލިބިގެންނެވެ. ބިލާ އިދިކޮޅަށް 16 ވޯޓު ދިނެވެ. މި ބިލު ޤާނޫނަކަށް ވުމުގެ ކުރިން ދެވަނަ އަދި ތިންވަނަ ކިޔުން ފާސްވާން ޖެހެއެވެ.

އިސްރާއީލުގައި މަދު ކުށްތަކަކަށް މަރުގެ އަދަބު ކަނޑައަޅާފައި އޮތް ނަމަވެސް، އެއީ މަރުގެ އަދަބު އުވާލާފައިވާ ޤައުމެއްގެ ގޮތުގައި އޮންނަނީ ބެލެވިފައެވެ. ނާޒީ ހޮލޮކޯސްޓްގެ ކުށްވެރިޔާ އެޑޮލްފް އައިކްމަން އަކީ 1962 ގައި އެންމެ ފަހުން މަރުގެ އަދަބު އިޒްރޭލުގައި ތަންފީޒު ކުރެވުނު މީހާއެވެ.

ބެން ގްވިރު ވަނީ މި ބިލަށް ވޯޓަށް ނާހައިފިނަމަ ސަރުކާރުގެ ކޯލިޝަނުން އ އޭނާގެ ޖުއިޝް ޕަވަރ ޕާޓީ ވަކިވާނެ ކަމަށް ބުނެ ބިރުދައްކާފައެވެ.

ބިލުގެ ތަފްޞީލީ ނޯޓު ހިމެނޭ ސަލާމަތީ ކޮމިޓީގެ ބަޔާނެއްގައި ބުނެފައިވަނީ: "މީގެ މަޤްޞަދަކީ ޓެރަރިޒަމް އޭގެ މުލުން ނައްތާލުން،" ކަމުގައެވެ.

ހަމާސް އިން މި ބިލާ ބެހޭ ގޮތުން ބުނެފައި ވަނީ އިސްތިއުމާރީ އިޒްރޭލުގެ ހުތުރު މޫނުގެ ހަގީގީ ސޫރަ ހަމާވާ ބިލެއް ކަމަށާއި މިއީ ކަނޑައެޅިގެން ބައިނަލް އަގްވާމީ ގާނޫނުތަކާ މުޅިން ޚިލާފު ބިލެއް ކަމުގައެވެ.

ރާމަﷲ ގައި ހުންނަ ފަލަސްތީނު ދައުލަތުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މި ބިލަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެ ގޮތުން މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން އުޅޭ ހައްދުފަހަނަ އެޅި ޖަރީމާ އެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.

- ކޮމެންޓް