ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެވަޑައިގެންނެވި ކަމަށާއި، ވެވަޑައިގެންނެވި އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފްރަންޓް އޮފީސް ޖަލްސާފައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުއިއްޒު ބީބީސީއަށް ދެއްވި އިންޓަރވިއުގައި އެއްވެސް ކަހަލަ މަޖުބޫރުކަމެއް ނެތި ވާހަކަފުޅުއްދެއްވި ކަމަށެވެ. އަދި ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅާއި، މޫނުމަތީގައި ފެންނަ އިހުސާސްތަކާއި ޝުއޫރުތަކާއި، ބޮޑީ ލެންގުއޭޗް ފެންނަ ކަމަށެވެ. އަދި ދެއްކެވި ވާހަކަފުޅަކީ ޖަޒުބާތާއެކީ ހިތުގެ އަޑިން ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އިންޑިއާ އައުޓް ޖަހައިގެން އުޅުނީ މަޖުބޫރުވެގެން ކަމަށް ވާހަކަތަކުން ހާމަނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ބީބީސީގެ އިންޓަރވިއުގައި ފެންނަނީ ރައީސް މުއިއްޒު ހިތުގެ އަޑިން ދެއްކެވި ވާހަކަ ކަމަށާއި، ވިދާޅުވަމުން ގެންދެވީ އިންޑިއާގެ އަސްކަރިއްޔާގެ ބޫޓެއް ދިވެހި ފަސްގަނޑުގައި ހުންނާކަށް ބޭނުންފުޅުނުވާ ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނު އިންތިހާބުކުރެއްވީވެސް އެ ސަބަބަށްޓަކައި ކަމަށް އެމަނިކުފާނު ވިދާޅުވަމުން ގެންދެވި ކަމަށެވެ.
މިހާރު އެ ވިދާޅުވާގޮތަށް އެއްވެސް ކަހަލަ މަޖުބޫރުކަމެއް އޮވެގެންނޭ ވިދާޅުވާ ވާހަކަ މި އިންޓަރވިއުއިން ފީލްވޭތޯ. އެހެންވީމަ ކަނޑައެޅިގެން އެއިރަކު ބޭނުންވާ ގޮތަށް ވާހަކަ ބަދަލުކޮށްލައިގެން ދެއްކުމުގެ މާހިރަކަށް ވަނީ ނޫންތޯ. ކަނޑައެޅިގެން ބުހުތާން ދޮގު ނޫންތޯ މިހަދަނީ.ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ބީބީސީގެ އިންޓަރވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުން އެމަނިކުފާނަށް ވޯޓުދެއްވާ އިންތިހާބުކޮށްދެއްވީ އިންޑިއާ ސިފައިން ބޭލުމަށް ވިދާޅުވުމުން އެކަމަށްޓަކައި ކަމަށާއި، އެއީ ވެރިކަމަށް ވަޑައިގެންނެވި މެންޑޭޓްކަމަށެވެ. ނަމަވެސް އެ މެންޑޭޓާ ހިލާފުވެވަޑައިގެންފައިވާ ކަމަށާއި، އެހެންކަމުން ވެރިކަމުގައި ހުރުމުގެ ހައްގު ގެއްލިފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ.
އެއްވެސް މަޖުބޫރުކަމެއް ނެތި ވިދާޅުވެފައިވަނީ، ރައްޔިތުން ތިމަންނައަށްދިން މެންޑޭޓަކީ އިންޑިއާ ސިފައިން މިތަނުން ބޭރުކުރުމޭ. މަޖުބޫރުކަމެއް އޮވެގެން ނޫން. މިހާރު ކޮބައިތޯ އެ މެންޑޭޓް. ވެރިކަމަށް އައުމަށް ވެވަޑައިގަންނަވާ ވައުދުތައް އަދި ދައްކާ ވާހަކަތަކަކީ ކުރެވޭ އަހުދެއް. އެހެންވީމާ އެއާއި ހިލާފުވެއްޖެނަމަ ވެރިކަމުގައި ހުރުމަށް އެއްވެސް ބާރެއް ނެތް. އޭނައަށް ދިން މެންޑޭޓް ބޮލާލާ ޖެހީ. ވަރަށް ސާފުކޮށް އެވިދާޅުވަނީ.ްކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ބީބީސީއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ މޯލްޑިވްސް" ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް އެންމެ ފުރަތަމަ އަންނާނީ ދިވެހި ގައުމާއި މިނިވަންކަން ކަމަށެވެ. ބީބީސީގެ އިންޓަރވިއުގައި މުއިއްޒު ވިދާޅުވެފައިވަނީ ދިވެހި ފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާގެ އެންމެ މީހެއްގެ ބޫޓެއް ވެސް ހުންނަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ވީ ވައުދު ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ފުއްދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް އިންޑިއާގެ ސިފައިން ފޮނުވާލާފައިވާކަމަށް ބުނެ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލާ ކުލަހެދުމުގައި އިންޑިއާއިން ދީފައިވާ އަސްކަރީ އުޅަނދުތަކާއި ރާޑަރު ސިސްޓަމްތައް ބެލެހެއްޓުމުގައި އިންޑިއާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އުތުރުތިލަފަޅުގެ އެއްބަސްވުމާއި، ހައިޑްރޯގްރަފީގެ އެއްބަސްވުން ހާމަކުރާނެކަމަށް ބުނެ ވެރިކަމަށް އައިސް އެ އެއްބަސްވުން އިންޑިއާއާއެކު ވަނީ އައުކޮށްފައެވެ.